ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިއަދު ވިދާޅުވީ މިތަކެތި އަތުލައިގަތީ އޭޕްރިލް 15 ވަނަ ދުވަހު ކްރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސި ވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ޕެކޭޖުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެެއްގެ އެއްޗެއް ހުރުމުން ކަސްޓަމްސް އިންވަނީ އެ ޕެކޭޖް އިތުރަށް ބަލައިފާސްކޮށްފައެވެ. މިގޮތައް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ޕެޖޭޖުގައި އޮތް ހަތަރު ޕެކެޓުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވުނު ތަކެތި އެ އިދާރާއިން ވަނީ ތަހުލީލުކޮށްފައެވެ.
ބަރުދަނުގައި ޕެކިނާއިއެކު 1040 ކިލޯގްރާމް ހުރި މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ލަފާކުރައްވާފައެވެ.
ކަސްޓަމްސްއިން އިން މިހާރު ވަނީ މި މައްސަލާގައި އަތުލައިގަނެވުނު ތަކެތި ފުލުހުންނާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!