އެއްވެސް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ކަންކަން ނުކުރުމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އިލްތިމާސްކުރައްވައިފިއެވެ.
މިއަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން އޭނާ ވަނީ މާތްﷲގެ އޯގާވަންތަކަމަށް ބައްލަވައި، އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ކަންކަންކުރުމުގައި ދެމިތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
“ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން” މި މައުޟޫއަށް ތަގުރީރު ކުރައްވަމުން އޭނާ ވިދާޅުވީ އެއްވެސް އިންސާނަކީ ކުށެއް ނުކުރެވޭ، ފާފަނުކުރެވޭ މީހެއް ނޫން ކަމަށެވެ.
އެހެންނަމަވެސް މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، ފާފަފުއްސެވުމަށް އެދި، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިންސާނުން ތައުބާވުމުން މާތްﷲ އުފާފުޅުކުރައްވާކަމަށް ވިދާޅުވެ، އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ އެއްވެސް ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. އަބުދުއްސައްތާރު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެއީ މާތް ނަހީކުރައްވާފައިވާކަމެއް ކަމަށާއި، މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ގަދަވެގެންވާ އަޒާބުދެއްވާނެކަމަށް އަންގަވާފައިވާކަން ވަނީ ހަނދާން ކޮށްދީފައެވެ. އެހެންކަމުން އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ވާހަކަތައް ދެއްކުމާއި ކަންކަން ކުރުމުން ދުރުހެލިވެ ތިބެން ޖެހޭ ކަމަށާއި މާތްﷲ ލޯބިވެވޮޑިގަންނަވާ އަޅުންގެ ގޮތުގައި ތިބުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.
އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި މި ފޯރަމްގައި ޑރ. ސައްތާރުވަނީ މާތްﷲ ލޯބިވެވޮޑިގަންނަވާކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.
އެގޮތުން މުސްލިމުންގެ އައިބު ފޮރުވުމުގެ މުހިންމުކަމާއި، ގިނަ ގިނައިން ޒިކުރުކުރުމާއި، ދުޢާކުރުމާއި ތައުބާވުމާއި، ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނަށް އޯގާތެރިވުމާއި، ރަސޫލާﷺއަށް ޞަލަވާތްކިޔުމާއި، މަލާއިކަތުންނަށް ހެޔޮދުޢާކުރުންފަދަ ކަންތައްތައް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!