ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމްޢިއްޔާ ޖަމާޢަތްތަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މިޓީން މި މަހުގެ 19 ވަނަ ދުވަހުގެ 11:00 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބިޑްގައި ރަޖިސްޓަރީ ވުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ 11:00 އެވެ. މިކަމަށް އަނަދާސީ ހިސާޞު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.
މިމަސައްކަތާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި އެ އިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure/ އިން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު ބޭނުންފުޅުވެ ލައްވާނަމަ އެ އިދާރާގެ ނަމްބަރ (6527177، 6527192) އަށް ގުޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ އެ ސިޓީގެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށް އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ ފާއިތުވި އަހަރުއެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާއިރު، މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 60000 (ފަސްދޮޅަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ.
މަޢުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/125321.pdf
ބީލަން ފޮތް: https://storage.googleapis.com/gazette.gov.mv/docs/iulaan/125323.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!