މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒްގެ ފަޔަށް އަނިޔާވެ މި ސީޒަންގައި ދެން އޭނާއަށް ނުކުޅެވޭނެކަން ޔުނައިޓެޑުން ހާމަކޮށްފިއެވެ.

މާޓިނޭޒްއަށް އަނިޔާވެފައި ވަނީ މި ހަފްތާ ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގެ ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑިގައި ސެވިއްޔާއާއި ބައްދަލުކޮށް 2-2 އިން އެއްވަރުވި މެޗުގައެވެ. މާޓިނޭޒްގެ ކަނާތު ފައިތިލާގެ ކަށިކޮޅެއް ވަނީ ބިންދައިގެން ގޮސްފައެވެ.

Ad
rt

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް މާޓިނޭޒްގެ ފައިތިލައަށް ލިބުނު އަނިޔާއާއި ގުޅުގެން އޭނާ ވަނީ ބޯޅަ ދޫކޮށްލުމަށް ފަހު ދަނޑު މަތީ އިއްތާފައެވެ. އޭނާ އުފުއްލާލައިގެން ދަނޑުން ބާލާފައި ވަނީ ސެވިއްޔާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ދެ ކުޅުންތެރިނަ ކަމަށްވާ އަކޫނާއާއި މޮންޓިއެލްއެވެ.

އަނިޔާގެ ސަބަބުން މި މެޗުގެ ހާފްޓައިމްގައި ޔުނައިޓެޑްގެ ޑިފެންޑަރ ރަފޭލް ވަރާން ވެސް ވަނީ ބަދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަފްތާގައި ޔޫރޮޕާ ލީގުގެ ކުއާޓާގެ ދެވަނަ ލެގުގައި ވަރާންއަށް ވެސް ނުކުޅެވޭނެއެވެ. ރަޝްފޯޑް ވެސް މިވަގުތު ހުރީ އަނިޔާގައެވެ. މީގެ އިތުރުން ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވެސް ވަނީ ކާޑް ހަމަވެ ދެވަނަ ލެގަށް ސަސްޕެންޑް ވެފައެވެ. މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ސެވިއްޔާ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ޔުނައިޓެޑް ނުކުންނަން ޖެހުމަކީ ކޯޗް ޓެން ހާގަށް ބޮލުގައި ރިހުމަކަށް ވާނެއެވެ.

މާޓިނޭޒް ނެދަލެންޑްސްގެ އަޔެކްސް އިން ޔުނައިޓެޑަށް ބަދަލުވެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މިހާތަނަށް އޭނާ ވަނީ 45 މެޗެއްގައި ޔުނައިޓެޑްގެ ފަހަތް ބަލަހައްޓާފައެވެ. މާޓިނޭޒް އަންނަނީ މި ސީޒަންގައި ޔުނައިޓެޑްގެ ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.