ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށެވެ.
މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެންމެ ފުރަތަމަ، މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ 8 ފަރާތަށެވެ. ޓީމްތައް ބައިވެރިވާ އަދަދަށް ބަލައި އެހެން ރަށްރަށުގެ ޓީމްތަކަށް މުބާރާތުން ފުރުޞަތު ދިނުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެ ކައުންސިލުން މިފަހަރު އާންމު ކޮށްފައިވާ މުބާރާތުގެ ޤަވައިދުގައި ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ސިޓީ ކައުންސިލުން އެކަމަށް ތައްޔާރުކޮށް، އެ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް އެއްވެސް ފީއެސް ދައްކާކަށް ނުޖެހެއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައެވެ.
މި މުބާރާތް ކުޅުމަށް ނިންމާފައި ވަނީ ކަޕް ފޯމެޓަށެވެ. މުބާރާތުގައި ފަސް ޓީމަށްވުރެ އިތުރަށް ބައިވެރިވެއްޖެނަމަ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ބައިވެރިވާ ޓީމްތައް ދެ ގްރޫޕަށް ބަހާލައިގެންނެވެ.
މި މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 60،000 (ފަސްދޮޅަސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 15000 (ފަނަރަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ފާއިތުވި 2022 ވަނަ އަހަރު މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފަސް ޓީމަކުންނެވެ. އެއީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ. އެ މުބާރާޓުގެ ޗެމްޕިއަން ޓީމަށް 50،000 (ފަންސާސްހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް ވަނީ 10،000 (ދިހަހާސް) ރުފިޔާ ދީފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކްލަބް ކޮރަލްސް އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!