ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދިޔަ "ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް" ކާމިޔާބުކޮށް ދިއްދޫގެ އެންމެ އަލިގަދަ ތަރިއަށް ހޮވުނު އަލް ހާފިޒާ ބައްސާމާ ސުލައިމާން، ފުނަކުރި / ހއ.ދިއްދޫ، އަކީ ޤުރުއާނުގެ ފަންނުގައި އެ ރަށަށް ވެސް އަދި އެ އަތޮޅަށް ވެސް އައު ނަމެއް ނޫނެވެ.

އޭނާވަނީ އުމުރުން އެންމެ ސޯޅަ އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ޤުރުއާނާއި ބެހޭ މަރުކަޒުންދޭ ހާފިޒާ ކަމުގެ ސަނަދު ހާސިލް ކޮށްފައެވެ. މީގެ އިތުރުން މިއަދާ ޖެހެންދެން ވެސް ބޮޑު އާބާދީއެއް އޮތް ދިއްދޫގައި ހުރި ހަމައެކަނި ޤުރުއާން އެއްކޮށް ހިތުދަސް މީހަކީ ބައްސާމާއެވެ.

Ad
rt

ބައްސާމާ އެންމެ ކުޑަކުޑަ އިރުން ފަށައިގެން ވެސް އޭނާގެ ހިތުގައި ޤުރުއާން ކިޔެވުމަށް ހާއްސަ ލޯތްބެއް އޮވެއެވެ. ސަބަބަކީ އޭނާގެ މަންމައެވެ. ބައްސާމާގެ މަންމަ (ފާތިމަތު ވަހީދާ) އަކީ ހާފިޒާއެއް ނޫންނަމަވެސް މަންމަ އަބަދުވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރިއެވެ. ރަށުގައި ނަމަ ކައިރި ގެތަކުގެ ކުދިން އެއްކޮށްގެން އެ ކުދިންނަށް ޤުރުއާން ކިޔަވައިދީ ވެސް ހަދައެވެ.

މަންމަގެ ކައިރިން ޤުރުއާން އުނގެނެމުން އައި، ބައްސާމާ އައީ އެންމެ ކުޑަކުޑައިރުން ފެށިގެން ވެސް ޤުރުއާން މުބާރާތްތަކުގައި ވާދަކުރަމުންނެވެ. މުބާރާތްތަކަށް ޤުރުއާނުން މިންވަރެއް ހިތު ދަސްކުރުމުންނެވެ. ހުކުރު ދުވަހު އަންނަ ކަހަފް ސޫރަތް ރޭޑިއޮލުން އަޑު އަހައިގެން ބައްސާމާ ހިތުން ދަސްކުރުމާއި މުބާރާތްތަކަށް ހިތުދަސްކުރުމުގެ މަސައްކަތް ކުރާއިރު ހިތު ދަސްކުރުމުގައި އޭނާއަށް ހުރި ފަސޭހަކަން މަންމައަށް ވެސް ފާހަގަ ކުރެވުނެވެ.

ދިއްދޫ އެންމެ އަލިގަދަ ތަރިއަކަށް ބައްސާމާ

ބައްސާމާ ކިޔެވުމަށް މާލެ ބަދަލުވެ އަރަބިއްޔާ ސްކޫލުގެ ގްރޭޑް ފަހަކަށް ވަތް ހިސާބަކީ ޤުރުއާން އެއްކޮށް ހިތު ދަސްކުރުމުގެ ދަތުރުގެ ފެށުމެވެ. އެތަނުގައި ކިޔަވަން ފެށުމާއިއެކު އޭނާއަށް ޤުރުއާން ހިތުދަސް ކުރުމުގައި ހުރި ފަސޭހަކަން އެތަނުގެ އުސްތާޒުންނަށް ފާހަގަވެ އޭނާގެ މަންމައަށް އެ ލަފާ އެރުވިއެވެ.

ބައްސާމާ އާއި ޢާއިލާގެ ބައެއް މެންބަރުން، ބައްސާމާގެ (ވ) މަންމަ، ފޮޓޯ: މިޑްލްސް ސްޕޯޓްސް ކްލަބް

އެ ދުވަހުން ފަށައިގެން ބައްސާމާއާއި އޭނާގެ މަނަމް އެކަމަށް އަޒުމްކޮށް މަސައްކަތް ފެށިއެވެ. އޭނާ ހާފިޒާއަކަށް ވުމުގައި އޭނާގެ މަސައްކަތާއި އެއްވަރުގެ ހިތްވަރެއް އޭނާގެ މަންމަގެ ފުށުން ވެސް އޮތީ ފެންނާށެވެ. އޭނާ ހައެއްކަ އަހަރުތެރޭ ޤުރުއާން އެއްކޮށް ހިތު ދަސްކުރިއިރު އޭނާ އެކަމަށް އެއްވެސް ކުލާހަކަށް ނުދެއެވެ. އޭނާ ޤުރުއާން އެއްކޮށް ހިތުދަސްކުރީ މަންމަގެ އެހީތެރިކަމާއި އެކުގައެވެ. ޤުރުއާން ހިތުދަސް ކުރަމުން ދިޔައީ މުޅިން އެކަމަށް ހުސް ވެގެންނެއް ވެސް ނޫނެވެ. ސްކޫލަށް ދިޔުމާއި ސްކޫލުގެ ފިލާވަޅުތަކާއި ޓެސްޓްތައް ހެދުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވަމުންނެވެ.

ބައްސާމާއާއި އޭނާގެ ފިރިމީހާ، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ޤުރުއާން ކިޔެވުމުގެ ދާއިރާއިން ބައްސާމާ ހާސިލްކޮށްފައިވާ ކާމިޔަބީތަކަށް ބަލައިލާއިރު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ޤުރުއާން އެއްކޮށް ހިތުދަސްކޮށް ހާފިޒާ ސަނަދު ހާސިލްކުރުމެވެ. މީގެއިތުރުން އޭނާ ވަނީ 1439 ވަނަ އަހަރުގެ ހއ.އަތޮޅު ޤުރުއާން މުބާރާތުން މުޅި މުބާރާތުން ތިން ވަނަ، އަދި 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ހއ.އަތޮޅު ޤުރުއާން މުބާރާތުގެ، މުޅި މުބާރާތުން އެއްވަނަ ހޯދާފާއެވެ. މީގެ އިތުރުން 1438 ވަނަ އަހަރު ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުން ވެސް އޭނާ ވަނީ އެއްވަނަ ހޯދާފައެވެ. މީގެ އިތުރުން ގިނަ މުބާރާތްތަކުން ވަނީ ރަން ވަނަތައް ހާސިލް ކޮށްފައެވެ.

ބައްސާމާ ވަނީ 2015 ވަނަ މަތީ ދަރަޖަ ހޯދި ފަރާތްތަކަށް ދިއްދޫ ކައުންސިލުން ދިން ހާއްސަ އެވޯޑް ވެސް ހާސިލް ކޮށްފައެވެ. އަދި 2016 ވަނަ އަހަރު ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް ޤުރުއާން ކިޔެވުމުގެ ދާއިރާއިން އޭނާ ވަނީ ހާސިލް ކޮށްފައެވެ.

ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ބައްސާމާ ''ތިލަދުން'' އާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ މި އަހަރު ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަކީ އޭނާގެ އެންމެ ފަހު މުބާރާތް ކަމަށެވެ. ދެން ކުރިއަށް އޮތްތާގައި އޭނާ އެއްވެސް މުބާރާތަކުން ނުފެންނާނެ ކަމަށާއި، ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އާއިލާތެރޭ ތިބި ކޮށްކޮމެން ޤުރުއާން ހިތު ދަސްކޮށް ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކުން ވަނަތައް ހޯދާތަން ދެކުން ކަމަށެވެ.

ރަނގަޅު އަޒުމެއް އޮވެ އާއިލާތެރެއިން އެކުގައި ޤުރުއާން ހިތު ދަސްކުރަން މަސައްކަތްކުރާނެ މީހަކު ކަނޑައަޅައި އެކުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެނަމަ ޤުރުއާން ހިތުދަސް ކުރުމަކީ ކޮންމެ ކުއްޖަކަށް ވެސް ކުރެވިދާނެ ކަމެއްކަން ބައްސާމާ ވަނީ ފާހަގަ ކޮށްފައެވެ. އޭނާ ފާހަގަ ކޮށްފައިވާ ގޮތުގައި ޤުރުއާން އެއްކޮށް ހިތު ދަސްކުރުމަށް ބޭނުންނަމަ އެކަމަށް ހިތުގައި ބޮޑު ލޯތްބެއް އޮންނަން ޖެހޭނެއެވެ.

ދިއްދޫ އައިލގަދަ ތަރި ޤުރުއާން މުބާރާތް މި އަހަރު ކާމިޔާބު ކުރެވުމުގައި އާއިލާގެ ދައުރު ބޮޑެވެ. ހާއްސަކޮށް މަންމައާއި ބޮޑު ދޮންތަގެ އިތުރުން ފިރިމީހާގެ އެހީތެރިކަން ފާހަގަކޮށް ބައްސާމާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.