ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގެ އަގު އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ.

މިގޮތުން އެ ކައުންސިލުން ވަނީ އެއްފަހަރާ ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (50) ރުފިޔާ ކަމަށް ކަނޑަ އަޅާފައެވެ.

Ad
rt

މީގެއިތުރުން އެކިފަހަރުމަތީން ދިގު މުއްދަތުގައި ފައިސާ ދައްކައިގެން ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގަކީ އަކަފޫޓަކަށް (60) ފަސްދޮޅަސް ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ "ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުން" ބެހޭ ގަވާއިދުގެ ދަށުން ދިއްދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމާއި ވިއްކުމުގެ އަގު އެ ކައުންސިލުން ކަނޑައަޅާފައި ވަނީ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 109 ވަނަ އާންމު ބައްދަލުވުމުގައެވެ.

ދިއްދޫ އަކީ ބޮޑުތިލަދުންމަތި ދެބައިވީއްސުރެ ހއ. އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ރަށެވެ. އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ ވެސް އެޔެވެ. މިވަގުތު އެރަށުގެ އާބާދީ އުޅެނީ 4200 އިން މަތީގައެވެ.