ދައުރުގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދިން މައްސަލައިގާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
އޭނާ ހުށަހެޅުއްވި މި މައްސަލައިގަ މަޖިލީހަށް ބަލައިގަތީ 19 މެމްބަރުންގެ ތާއީދާއި އެކުގައެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ ސީނިއަރ އެޑިޓަރަކާއި ނޫސްވެރިއަކަށް އިންޒާރު ދީފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި ސަން ސިޔާމް ރިސޯޓްގެ ވެރިޔާ އަހުމަދު ސިޔާމް އާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
އާޒިމް ވަނީ އެ މައްސަލަ އަށް ތަހުގީގީ އިދާރާތަކުން ފުރިހަމަ އަށް ސަމާލުކަން ދީ، އަވަސް ފިޔަވަޅު އެޅުމަށް ގޮވައިލައްވާފައެވެ.
6 އޭޕްރިލް 2023 ގައި 'ދައުރު' ނޫހުގައި "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މި އާޓިކަލްއާ ގުޅިގެން އެ ނޫހުގެ ސީނިއަރ އެޑިޓަރ އަދި އާޓިކަލް ލިޔުނު ނޫސްވެރިޔާ އަދި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާއިފް އަށް އެކި ނަމްބަރުތަކުން ގުޅައި، މެސެޖުކޮށް އިންޒާރުދެމުން އަންނަކަމަށް އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އެ ޔޫނިއަން އިން ކަންބޮޑުވުމާއިއެކު ކުށްވެރިކޮށް، ވީ އެންމެ އަވަސްމިނެއްގައި އެ މައްސަލައިގެ ތަހުގީގެއް ހިންގުމަށް ވެސް ވަނީ ގޮވައިލާފައެވެ.
މަޖިލީހަށް މި ގަރާރު ހުށަހެޅިއިރު، ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!