ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ތެޔޮ ވިއްކަން ވެފައިވާ އެއްބަސްވުން އައު ކޮށްފިއެވެ.

މި އެއްބަސް އައު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދުއެވެ.

Ad
rt

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދެވެ. އެމްއޭސީއެލް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މަހްޖޫބު ޝުޖާއު އެވެ.

މި އެއްބަސްވުމުގެ ދަށުން އަހަރެއްގެ ތެރޭގައި 1.5 މިލިއަން ފީފާގެ ޖެޓް ފިއުލް އާއި 80،000 ފީފާގެ ޑީސަލް އެސްޓީއޯ އިން އެމްއޭސީއެލަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

އެސްޓީއޯގެ އެމްޑީ ސައީދު ވިދާޅުވީ އެއްބަސްވުން އައު ކުރީ، ތެލުގެ ބާޒާރުގައި އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން، ތެޔޮ ފޯރުކޮށްދޭ ރޭޓުތަކަށް ބަދަލު ގެނެސް، ރޭޓު ބޮޑުކޮށްފައި ކަމަށެވެ.

އެހެންނަމަވެސް އަގު ބޮޑުވި ވަރެއް ހާމައެއް ނުކުރެއެވެ.

އެސްޓީއޯ އަކީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުންދާ ފަރާތެކެވެ.

އެމްއޭސީއެލްއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯގެ އަމިއްލަ ޓޭންކަރު އެމްޓީ އަލިމަސް ހިމެނޭ ގޮތަށް ދެ ޓޭންކަރެއް ބޭނުންކުރެއެވެ.