ގެއްލިގެން ހޯދަމުންދާ ޗައިނާ ފަތުރުވެރިޔާ ހޯދުމަށް ސިފައިން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އެ ފަތުރުވެރިޔާ ގެއްލުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކ. އަމީންގިރިރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިން އަށް ދިޔަކަމަށްބެލެވޭ ފަތުރުވެރިއެއްކަމަށް އެ ދުވަހު އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން ރޭ ވިދާޅުވީ، އެމީހާ ހޯދުމަށް އެ އިދާރާގެ ކޯސްޓްގާޑުން ކުރިއަަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
މިގޮތުން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން 124600 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 123 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ކޯސްޓްގާޑްގެ އުޅަނދުފަހަރުން ވަނީ ބަލާފައެވެ.
މީގެއިތުރުން ވައިގެ މަގުން 330 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، މިހާތަނަށް މި ފަތުރުވެރިޔާގެ އެއްވެސް ނިޝާނެއް ފެނިފައެއްނުވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
''މި ފަތުރުވެރިޔާ ސްނޯކަލް ކުރުމަށް ބޭނުން ކުރިކަމަށް ބެލެވެނީ ޓްރާންސްޕޭރެންޓް މާސްކަކާއި ކަޅުކުލައިގެ ސްނޯކަލްއެއްގެ އިތުރުން ރީނދޫކުލައިގެ ސްޓްރައިޕް ދަމާފައި ހުރި ކަޅުކުލައިގެ ފިންސެއް ކަމަށާއި ފަތުރުވެރިޔާ ލައިގެން ހުރީ ނޫކުލައިގެ ސްވިމިން ޓްރަންކެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައި'' އޭނާ ގެއްލުނު ދުވަހު އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
އެމްއެންޑީއެފުން ވަނީ، މީނާއާބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ބަލައިދިނުމަށް އެދިލައްވާފައެވެ. އަދި މީނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!