ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމަށް ނިންމައި، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ނިންމާފައިވާކަމަށް އަޑު ފެތުރުމާއި ގުޅިގެންނެވެ.

Ad
rt

ޖޭޕީގެ ލީޑަރ އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ޕީޕީއެމް/ޕީއެންސީ، އެމްއެންޕީ، އެމްއާރްއެމް، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު އަދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ފޮނުވަން އިއްޔެ ނިންމާފައިވާ ކަމަށް އަޑުތައް ފެތުރުނީ އިއްޔެ ހަވީރުއެވެ.

މިކަމާއި ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން އެއްވެސް ޕާޓީއަކާއެކު މަސައްކަތް ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވަނީ ވިދާޅުވެފައެވެ.

‘’ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން މިކޯލިޝަނާ ގުޅިވަޑައިގަންނަވާ. އެއީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ‘’ އަދުރޭ ވިދާޅުވެފަވެއެވެ.