ސްޕެނިޝް ލީގުގައި ރޭ އެލްޗޭ ބަލިކޮށް ބާސެލޯނާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ އެލްޗޭގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ.
މި މެޗުން މޮޅުވުމާއިއެކު ބާސާއަށް ވަނީ ދެވަނާގައި އޮތް ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބާސާއަށް ކުޅުނު 27 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލަށް ލިބިފައި ވަނީ 26 މެޗުން 56 ޕޮއިންޓެވެ. ރެއާލް މިރޭ އަމިއްލަ ދަނޑުގައި ވަލަޑޮލިޑްއާއި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު 12 ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ.
މި ސީޒަންގައި ސްޕެނިޝް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބާސާއިން ރޭގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަނޑޯސްކީއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ބާސާއިން ވަނީ އިތުރު ތިން ލަނޑު ޖަހާފައެވެ.
ބާސާގެ ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަންސޫ ފާޓީ ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ލެވަންޑޯސްކީއެވެ. ބާސާގެ ހަތަރުވަނަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!