ދީނީ ކަންކަން އޮޅުން ފިލުވުމާއި، ދަންނަބޭކަލުންނާ ސުވާލު ކުރުމަކީ މީހުން ވަރަށް ކުރާހިތްވާ ކަމެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم، ﷲ سبحانه ةتعالىގެ ފަރާތުން ގެނެސްދެއްވި ރިސާލަތަށް އެނބުރި އަންނަން ބޭނުންވާ މީހުން މަދެއްނޫނެވެ. ހެޔޮކަމުގެ މަގު އިޚްތިޔާރު ކުރުމާއި، ނުބައިކަންކަން ދޫކޮށް، ތައުބާވާން އެދޭ މީހުން ކޮންމެ ދުވަހަކު ވެސް އުޅެއެވެ.

ތައުބާވެ އިޞްލާޙީ މަގު ޚިޔާރު ކުރުމަށްޓަކައި، ދީނީ މަޢުލޫމާތު ހޯދަން ފަށާއިރު، އެ މަޢުލޫމާތުތަކަކީ ވަރަށް ޝައުޤުވެރި އަޑުއަހަން ފަސޭހަ، ހިތްތަކަށް ހިތްހަމަޖެހުން ގެނުވާ ވާހަކަ ތަކެއް ކަމުގައި ނޫނީ ނުވެއެވެ. އެ ލިބޭ ޢިލްމަށް ޢަމަލުކޮށްފިއްޔާ އިންސާނާއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ފަލާޙު ލިބޭނެކަމުގެ އުންމީދު އެ ވާހަކަ ތަކުން ލިބެއެވެ. "އެ ގޮތަށް ލިބޭ ޢިލްމާއި އެނގޭ ކަންކަމަށް ޢަމަލު ނުކުރަނީ ކީއްވެބާއޭ؟" މިއީކުރުން ރަނގަޅު ސުވާލެއްނޫންތޯއެވެ؟

Ad
rt

ކަމެއް އޮންނަގޮތް މީހަކަށް އެނގުމަކުން، އަދި އެހެން މީހަކަށް އެ ވާހަކަ ފޯރުކޮށްދިނުމަކުން ތިބާ އެ ޢިލްމަށް އަމަލުކުރިމަކުގައި ނުވާނެއެވެ. މިސާލަކަށް ދަންނަވާ ނަމަ، ނަމާދުކުރުން އެއީ މުސްލިމް އަޅާގެ އިންފާރުކަން މީހަކު ދަނެއެވެ. އަދި ކާފިރުންނާއި މުސްލިމުންނާ ދެމެދު ފަރަޤުކުރާ އެއްޗަކީ އެ ނަމާދުކަން ވެސް އޭނާއަށް އެނގެއެވެ. އެކަންކަން އެނގުމަކުން ނުވަތަ ގިނަ ބަޔަކަށް އެ ވާހަކަ ކިޔައިދިނުމަކުން އޭގެން ފައިދާ ކުރަނެބާއެވެ؟ އޭނާ ނަމާދު ނުކުރާ ނަމަ، ނަމާދު ކުރިކަމަށް ވާނެބާއެވެ؟ ނުވާނެއެވެ! އަދި ނަމާދު ނުކޮށް އެހެން މީހުންގާތު ނަމާދު ކުރަން ބުނުމަކުން ވެސް އަޖުރާއި ސަވާބުގެ ގޮތުން އެ މީހަކަށް ލިބޭނެ ހަމަ އެކައްޗެއް ވެސް ނޯންނާއެވެ.

ޢިލްމު ފޯރުކޮށްދީ އެހެން މީހުންނަށް ކިޔައިދިނުމުގެ ކުރިން، ކޮންމެ މީހަކު ވެސް ލިބޭ ޢިލްމަށް ޢަމަލުކޮށް ތިމާގެ ޙަޔާތުގައި އެ ކަމެއް ތަންފީޒު ކުރުމުން ނޫނީ އޭގެ ދަރުމައެއް އެ މީހަކަށް ނުލިބޭނެއެވެ. އެހެންކަމުން ކިތަންމެ ކުޑަ ޢިލްމެއް ލިބުނުކަމުގައި ވިޔަސް އެއަށް ޢަމަލުކޮށްފައި މެނުވީ އިތުރު ޢިލްމެއް ހޯދަން ނޫޅޭށެވެ. ޢަމަލުކުރުމުގެ މައިދާނުގައި އެއްވެސް ޙަރަކާތްތެއް ނުކޮށް އައު ކަންކަން އޮޅުން ފިލުވަން ސުވާލުކޮށް ހެދުމަކީ ބޭ އަދަބީ ކަމެކެވެ. އިންސާނުންނަށް ލިބޭ ޢިލްމަށް ޢަމަލު ކުރި ގޮތާ ބެހޭގޮތުން ޤިޔާމަތްދުވަހުން އޭނާއާ ސުވާލު ކުރެވޭ ހުއްޓެވެ.

عَنِ ابْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "لاَ تَزُولُ قَدَمَا ابْنِ آدَمَ يَوْمَ الْقِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ عَنْ عُمْرِهِ فِيمَا أَفْنَاهُ وَعَنْ شَبَابِهِ فِيمَا أَبْلاَهُ وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ وَمَاذَا عَمِلَ فِيمَا عَلِمَ‏"‏ رواه الترمذي ( 2422 )

މާނައީ: "މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބުނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވިއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ޤިޔާމަތް ދުވަހުން ފަސް ކަމަކާ ބެހޭގޮތުން ސުވާލު ވެވިއްޖައުމަށް ދާންދެން އަޅާއަށް އޭނާގެ ދެފައި ހުރިތަނުން ގުޑުވައި ނުލެވޭނެއެވެ. އޭނާގެ ޢުމުރު ހޭދަކޮށް ފަނާކުރީ ކިހިނެތްތޯ އާއި، އޭނާގެ ޒުވާން ފުރާވަރު ބޭނުންކުޅަ ގޮތާއި، އޭނާ މުދާ ހޯދިގޮތަކާއި، އެމުދާ ހޭދަކުޅަގޮތާއި، އަދި އޭނާއަށް ލިބިފައިވާ ޢިލްމަށް ޢަމަލުކުރިގޮތެވެ."

މަޙްޝަރުދުވަހު ސުވާލަށް ޖަވަބުދިނުމާއި ދޫތަޅުވާ ވާހަކަ ދެއްކުމުގެ އެއްވެސް އިޒުނައެއް ރަޙުމާނުވަންތަ އިލާހު ދެއްވި ފަރާތަކަށް ނޫނީ ލިބިގެން ނުވެއެވެ. އެ ދުވަހުގެ ނުތަނަވަސް ކަމާއި އުނދަގޫތަކަކީ މީހަކަށް ތަސައްވަރު ކުރެވޭ ވަރަށްވުރެ ބޮޑު ކަންކަމެވެ. އަދި ހަމަ އެ ދުވަހުން ވެސް ތަކްލީފުން ބަރީޢަވެ، ހިޔަލާއި ފިނީގައި އަރާމާއި އުފަލުގައި، ފަހޭކަމަކާ އެކު އުޅޭބަޔަކުވެއެވެ. އެބައިމީހުންނާއި މި ސުވާލުތައް ވެވޭ ހިނދު ފަސޭހަކަމާ އެކު ޖަވާބުދީ އިމްތިޙާނުން އެންމެ އެދެވޭ ނަތީޖާއާ އެކު ފާސްވާނެއެވެ. އެ މީހުންނަކީ އެކަމަށް ދުނިޔޭގައި ތައްޔާރުވީ މީހުންނެވެ. އެ މީހުންނަށް ލިބުނު ޢިލްމަށް ޢަމަލު ކުރި މީހުންނެވެ. އެއްކަމަށް ޢަމަލު ނުކުރެވޭ ޙާލު އިތުރު ކަންކަން އޮޅުން ފިލުވަން ނުއުޅޭ މީހުންނެވެ. އެނގޭ މިންވަރަކުން ޢަމަލު ކުރަމުން އެކަންކަށް ފަރިތަކުރަމުން، ދިރިއުޅުމުގެ ޢަމަލީ ޙަޔާތުގައި، ދުވަހުން ދުވަހަށް ޢިލްމު ތަޠްބީޤު ކުރަމުން ތިޔަ މީހުންނެވެ.

އަޅުގަނޑުމެންގެ ކިބައިގައި ވެސް މި އާދަ އަށަގެންނެވުން އެއީ ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން އިންފިރާދީ ފައިދާތަކެއްގެ އިތުރަށް އިޖްތިމާޢީ އެތައް ހަމަޖެހުމެއް ލިބިގެން އާދެއެވެ. ދޭދޭ ފަރުދުންގެ މެދުގައި އެކުވެރިކަން އާލާވެއެވެ. ތިމާ އަމިއްލައަށް ޢަމަލު ނުކޮށް އެކަންކަމުގެ ވާހަކައިން އެހެން މީހުންނަށް އިންޒާރުދޭ މީހުންދެކެ އަނެކުން ރުޅި އަންނާނެއެވެ. ރުޅީގެ މައްޗަށް ރުޅި އިތުރުވަމުން ގޮސް އަރާރުން އުފެދެއެވެ.

އެހެންކަމުން އަޅުގަނޑުމެންނީ އެފަދަ އިޖްތިމާޢީ ހަމަނުޖެހުމުގެ އަސާސްތަކަށް ވެގެން ނުވާނެއެވެ. އަނެކުން ލައްވާ ކުރުވުމުގެ ކުރިން، ލިބޭ ޢިލްމަށް އަމިއްލައަށް ޢަމަލުކުރާ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ! ދިރިއުޅުމުގައި އެކަންކަން ތަންފީޒު ކުރަމަށް ފަށައިގަންނަމާހެވެ! އިތުރު ކަންކަމާ މެދު ސުވާލު ކުރުމުގެ ކުރިން މިހާރު އެނގޭ ކަންކަމަށް ފަރިތަ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ! އައު ޢިލްމަށް މީހާ ތައްޔާރުވެވޭނީ ލިބުނު ޢިލްމަށް ޢަމަލުކޮށްގެންކަން ޔަޤީންކުރަމާ ހިނގާ!