ބޯގަންވިލާ މަލުގެ ކުލަތަކުން ހއ.ހޯރަފުށި ޒީނަތްތެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
"ހޯރަފުށީގެ ކޮންމެ ގެއަކުން، ކޮންމެ އިދާރާއަކުން ބޯގަންވިލާގެ ޗާލުކަން" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމިގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށަކީ ފެހިކަންގަދަ ތިމާވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުމާއި އެ ރަށަކީ މާމެލާމެލިން ޒީނަތްތެރިވެފައިވާ ރަށަކަށް ހެދުމެވެ.
ގޭ ދޮރޯށި މަތިން ފެންނަ ގޮތަށް ބޯގަންވިލާ ހައްދައިގެން، ގޭ ދޮރުމައްޗާއި އެ ގެތައް ހިމެނޭ މަގުތަށް ޒީނަތްތެރިކުރާ ފަރާތްތަކުގެ މެދުގައި އެ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ވަނަ ހޮވައި އިނާމް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ހޮވަން ނިންމާފައިވާ ވަނަތަކުގެ ތެރޭގައި އެންމެ ރީތި 10 ގެ ހޮވައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ ރީތި ތިން މަގާއި އެންމެ ރީތި މުއައްސަސާ/ކުންފުނި، ހޮވުމަށް ވެސް ވަނީ ނިންމާފައެވެ.
ބޯގަންވިލާ ހައްދައި ބޮޑުކުރުމަށް މުއްދަތެއް ހޭދަވާނެތީ ވަނަ ހޮވާނީ ކިހާ މުއްދަތެއް ފަހުންކަމެއް މިހާތަނަށް ހޯރަފުށީ ކައުންސިލުން ނިންމާފައި ނުވެއެވެ. މި ޕްރޮގްރާމަށް އެއްބާރުލުން ދެއްވައި ރަށުގެ ހުރިހާ ގެއެއްގައި ބޯގަންވިލާ ހެއްދުން ކުރިއަށް ގެންދިޔުމަކީ އެ ކައުންސިލްގެ އިލްތިމާސްއެކެވެ.
ހޯރަފުށި ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި ރަށްތެރެ ފެހިކޮށް ޒީނަތްތެރި ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި ވެސް އެ ކައުންސިލުން ރައްޔިތުންނާއި ގުޅިގެން ކުރިއަށް ގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!