މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލަތު ނައިބް ރައީސް ބައްލަވާލައްވައިފިއެވެ.
ތިލަދުންމަތީގެ ރަށްރަށަށް އިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައެވެ. އެގޮތުން ނޮޅިވަރަންފަރުގެ ޗައިނާ ޓައުންގެ 50 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އަދި ކުޅުދުއްފުށީގެ 20 ގެޔަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވަނީ ވެފައެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި ނައިބު ރައީސް ފޯނުން ގުޅުއްވާ ރަށުގެ ހާލަތު އައްސަވާފައިވާކަމަށާއި މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަޙްމަދު އިބްރާހިމް ވިދާޅުވީ އިއްޔެ މެދު ނުކެނޑި ކުރި ވިއްސާރައިގެ ސަބަބުން އެރަށުގައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް ހިއްކިފައިނުވާ ކަމަށާއި މިއަދުވެސް އެމަސައްކަތް ކުރިއަށް ދާކަމަށެވެ. މިއަދު ވިއްސާރަ އަލިވެފައިވާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
އިއްޔެ (1 ޑިސމްބަރ 2019، އާދިއްތަ) ދުވަހު ބޯކޮން ވާރޭވެހި ނޮޅިވަރަންފަރުގައި ފެންވޮޑުވުމާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮނަރަބަލް ފައިސަލް ނަސީމް، ނޮޅިވަރަންފަރު ކައުންސިލްގެ ރައީސަށް ގުޅުއްވާ ރަށުގެ ޙާލަތު ބައްލަވައި ލައްވައި.
— Secretariat of Nolhivaranfaru Council (@OfSecretariat) December 2, 2019
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްފުލް ލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށީގައި ވިއްސާރައިގެ ސަބަބުން ގެއްލުންވި ފަރާތްތަކުގެ ހާލުވެސް ނައިބު ރައީސް ފައިސަލް ފޯނުން ގުޅުއްވާ ބައްލަވާ ލައްވާފައިވާކަމަށާއި މިހާރު އާންމު ހާލަތައް ރުޖޫއަވެފައިވާކަމަށެވެ.
އިއްޔެގެ ވިއްސާރައިގައި މިދެރަށުގެ އިތުރުން ކުރިނބީ އަދި ހއ ހޯރަފުށީގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!