އުމުރުން 38 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލްގެ ސްކޮޑަށް

Cristiano-Ronaldo-190605-Jubilant-G-1050

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތަކަށް ޕޯޗުގަލުން އެކުލަވާލި ޓީމުން އުމުރުން 38 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުޞަތު ދީފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް ވަކިކޮށް، ޕޯޗުގަލްގެ އައު ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖެއްސުމަށް ފަހު، އައު ކޯޗުގެ އިރުޝާދުގެ ދަށުން ޕޯޗުގަލުން އެކުލަވާލި ފުރަތަމަ ސްކޮޑުގައި، ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯއަށް މި ވަނީ ފުރުޞަތު ދީފައެވެ.

ރޮނާލްޑޯއަށް ޕޯޗުގަލްގެ ސްކޮޑުން ޖާގަ ދިނުމަށް ފަހު، ކޯޗް މާޓިނޭޒް ބުނެފައި ވަނީ އޭނާ ކުޅުންތެރިންގެ އުމުރަށް ނުބަލާ ކަމަށާއި، ޕޯޗުގަލް ޓީމަށް ރޮނާލްޑޯއަކީ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ޔޫރޯ ކޮލިފައިންގައި މި ހަފްތާތެރޭ ޕޯޗުގަލުން ދެ މެޗުއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މި މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު ޕޯޗުގަލް ނުކުންނާނީ ލިޗްޓެންސްޓައިންއާއި ދެކޮޅަށެވެ. އޭގެ ތިންދުވަސް ފަހުން ޕޯޗުގަލް ކުޅޭނީ ލަކްޒެމްބާގާއި ދެކޮޅަށެވެ.

ރޮނާލްޑޯ މިހާތަނަށް ޕޯޗުގަލްގެ ގައުމީ ޓީމަށް 196 މެޗު ކުޅެދީފައިވާއިރު، އެ މެޗުތަކުގައި އޭނާ ވަނީ 118 ލަނޑު ޖަހާފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތީ ރޮނާލްޑޯގެ އަތުގައެވެ.

މި ސީޒަންގައި ސައުދީގެ އަލް ނަސްރަށް ކުޅެދިން ނުވަ މެޗުގައި އޭނާ ވަނީ އަށް ލަނޑު ޖަހާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *