ރަމަޟާން މަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި މަޖާކުރުމުގެ ރޭތަކަކަށް ނުހެދުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
"ރަމަޟާން މަހަށް ތައްޔާރުވުން" މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ވަނީ ރަމަޟާން މަހުގެ ރޭތަކަކީ ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާހުރި، ބޭނުންތެރި ރޭތަކަކަށް ހެދުމަށް އަޒުމް ކަނޑައެޅުމަށް ވެސް ގޮވައިލާފައެވެ. ހާއްސަކޮށް ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ އަޒުމުގައި މި މައްސަރާ ބައްދަލުކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ގޭތެރެ ޒީނަތްތެރިކޮށް ފަރުނީޗަރު އައުކުރުމާއި ގުޅޭގޮތުން ޚުތުބާގައި ބުނީ ގޭތެރެ ރީތިކޮށް އާބާތުރަފިލުވުމާއި ފަރުނީޗަރު ބަދަލުކުރުމާއި ކާބޯތަކެތި ހޯދުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ.
އެހެންނަމަވެސް މި މަތިވެރި މައްސަރާއި ބައްދަލުކުރާއިރު، މިއަށްވުރެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެމަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރާވައިގެން އެ މައްސަރާ ބައްދަލުކުރުންކަން ހަނދާންކޮށްދީފައި ވެއެވެ.
ތިމާއާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނަށް ވެސް މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ވެސް ގޮވައިލާފައި ވެއެވެ.
"ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށް ހާރުކެއުމާ، ހާރުކެއުން ވީހާވެސް ފަސްކުޅައުމާ، ރޯދައަށް ހުންނައިރު ފަރުޟު ނަމާދުތަކާއި ތަރާވީޙް ނަމާދާއި ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވުމުން ފުރިހަމަގޮތުގައި ރޯދަ ހިފޭނެ. އަދި ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާނާއި މެދު ވިސްނާ ފިކުރު ކުރުމާ ގިނަގިނައިން ދުޢާ ކުރުމަކީ ވެސް ފުރިހަމަގޮތުގައި ރޯދަ ހިފުމަށް ކުރެވޭނެ ކަންކަން." ޚުތުބާގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Hama ekani noon eggso thaka ves majaa kuraane kame ne e noon mas mahu majaa koh game tha kulhu ni ma nimu nee