ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއެއްގެވެސް ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ ސަރުކާރުގައި ތިބެގެން ރައީސްއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވާދަވެރި ކެންޑިޑޭޓަކާ އެއްކޮށް ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުންނާނެކަން ފާހަގަ ކުރައްވާފައެވެ.
"ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ ބޭފުޅުންނާއި ސަރުކާރުގައި ތިއްބަވައިގެން ރައީސްއާ ދެކޮޅަށް ނުވަތަ ރައީސްގެ ވާދަވެރި ކެންޑިޑޭޓަކަށް ތާއީދު ކުރާ ބޭފުޅުންނާ އެކު ސަރުކާރު ހިންގުން ވާނީ ދަތިކަމަކަށް." މިއުވާން ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެއީ ރައީސް އަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި ރައީސް ސާލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ އިތުރުން ޖޭޕީން ކެންޑިޑޭޓެއް ނެރެފި ނަމަ ދެން ކުރިއަށްދާނެ ގޮތަކާއި ޖޭޕީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް އިބްރާހިމް އާއި ޖޭޕީއާއެކު ވެސް ރައީސް މަޝްވަރާކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރުމަށް ނިންމައި، ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!