އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ މި މައްސަލައިގަ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ ކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ 1,000,000.00 (އެއް މިލިއަން ދިވެހި ރުފިޔާ) އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީ އަށް ވަނީ އަންގާފައެވެ.
ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް އޭސީސީ އިން ބުނެއެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި ހުރެ މޫސާ ޢަލީ ޖަލީލް ހޯދާފައިވާ ފައިސާކަމާއި، އެ ފައިސާ މޫސާ ޢަލީ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަޙުޤީގަށް ހޯދިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!