ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ގެ ސެމީ ފައިނަލުގައި އުންމީދު ބަލިކޮށް ރެއަރ ސްކޮޑް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.
މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އަދި ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ މެދުގައި ސެމީ ފައިނަލް މެޗެއްކުޅެ މޮޅުވާ ޓީމަށް ފައިބަލުގެ ދެވަނަ ޖާގަ ލިބޭ ގޮތަށެވެ.
މިގޮތުން ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ޓީމް ހިޔަލައެވެ.
ރޭ ކުޅުނު ސެމީ ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދި އުންމީދާއި ތިންވަނަ ހޯދި ރެއަރ ސްކޮޑެވެ. ވާދަވެރި ކުޅުމަކަށް ފަހު 3 ސެޓް 2 ސެޓުން މެޗް ކާމިޔާބު ކޮށްފައި ފައިނަލުން ޖާގަ ހޯދީ ރެއަރ ސްކޮޑެވެ. މި މެޗުގެ ސެޓްތައް ރެއަރ ސްކޮޑުން ގެންގޮސްފައި ވަނީ 23/25، 25/20، 25/21، 15/25، 10/15 އިންނެވެ.
ސެމީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ރެއަރ ސްކޮޑްގެ ޖޯޒީ ނަމްބަރު 12، ޝަހުމީލާ އަބްދުލްހަކީމެވެ.
ހިޔަލައާއި ރެއަރ ސްކޮޑް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ މަލްޓިޕާޕަސް ޓާފް ވޮލީ ކޯޓުގައެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް އަދި ޕެންޓަގްރާމް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.