ހދ. ކުޅުދުއްފުށި ސިޓީ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، 4 މީހަކަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ 3 ސައިކަލެއް ޖެހިގެންނެވެ. އަދި އެކިވަރުގެ އަނިޔާ ލިބިގެން 4 މީހަކަށް ފަރުވާދެމުން އަންނަކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން 5 މީހަކު ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުން ގެނައީ މިއަދު 11:10 އާއި 11:15 އާ ދެމެދު ކަމަށެވެ.
"ޖުމްލަ 5 މީހުން ގެނެސްފިން. އެއީ އެކްސިޑެންޓުގައި އަނިޔާވި 4 މީހަކާއި މަންޒަރުދުށް މީހެއް. އެމީހުންނަށް ލިބިފައިވާ އަނިޔާތައް ދަނީ ބަލަމުން. މާނުރައްކާތެރި ހާލަތަކަށް އަނިޔާވެފައިވާ ކަމަކަށް ނުބެލެވޭ." މުހައްމަދު މޫސާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ އިންވެސްޓިގޭޝަން ގައި އޮތް ކަމަކަށްވާތީ އިތުރު ތަފްސީލު އަދިހާމަކުރެވެން ނެތް ކަމަށެވެ.