މޫދުވިނަ އަދި ހުއިފަތަކީ ދުނިޔޭގެ އެއް ނަންބަރު ގަސްކާނާއެވެ. އަދި ނިސްބަތުން އެންމެ އަގުބޮޑު ގަސްކާނާގެ ބާވަތްތަކަކީ މިތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ގަސްކާނާއެވެ. ހަމައެހެންމެ 'ކެލްޕް'، 'ސީ ވީޑް' އަދި ސީގްރާސް' ބޭނުންކޮށްގެން ހަދާ ރީތިވާ ސާމާނާއި ސައިބޯންޏާއި ޝޭމްޕޫ ފަދަ ތަކެއްޗާއި ސައި އަދި ބޭހުގެ އަގު، އެފަދަ އެނޫން އެއްޗެހި ބޭނުންކޮށްގެން ހަދާ އެއްޗެއްސަށްވުރެ ބޮޑެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރަކީ މޫދުވިނައިން ލިއްބައިދޭ ފައިދާތައް އިތުރުވެފައި ބޮޑުވުމެވެ. އެތަކެތި ތައްޔާރުކުރަން އުނދަގޫވުމާއި މޫދުވިނަ ހޯދަން އުނދަގޫވެ ލިބޭލެއް މަދުވުމަކީ ވެސް އަގު އިތުރަށް ބޮޑުވުމުގެ ސަބަބުތައް ކަމުގައި ވެދާނެއެވެ.
ރާއްޖޭގެ ރަށްރަށުގެ ފަޅުފަރުތަކުގައި ހެދިފައި އޮންނަނީ 'ސީގުރާސް' އެވެ. އެކި އަތޮޅުތަކުގައި ސީގުރާހަށް އެކި ނަން ކިޔައި އުޅެއެވެ. މި ހުއިފަތް ނުވަތަ ވިނަ އަކީ ދުނިޔޭގެ ގައުމުތަކުގައި ގަސްކާނާ ހަދަން ބޭނުންކުރާ 'ސީވީޑް' އެއް ނޫނެވެ. ނަމަވެސް ސީގްރާހަކީ ފެންވަރުގެ ގޮތުން ވަކިން ދެރަ ގަސްކާނާއެެއް ނޫނެވެ. މި މަޢުޟޫ ކުރިއަށް ގެންދާއިރު ސީގްރާހަށް މީގެ ފަހުން 'ހުއިފަތް' ބޭނުންކުރާނަމެވެ.
ހުއިފަތުން އުފައްދާ ކާނާތައް ދަނޑުވެރިކަމުގައި ބޭނުންކުރަން ރަނގަޅުވުމުގެ ސައިންޓިފިކް ޙިކުމަތްތަކެއް ވެއެވެ. މިފަދަ ކާނާތަކުގެ ފެންވަރު ރަނގަޅުވަނީ އޭގައި ގަހަށް ބޭނުންވާ މައިގަނޑު ކަނާދުތައް (ނިއުޓްރިއަންޓްސް) އަދި މަދުން ބޭނުންވާ ކަނާދުތަކާއި އެންމެ މަދުން ބޭނުންވާ ކަނާދުތައް ވެސް ހިމެނޭތީއެވެ. އަދި އެއީ ޤުދުރަތީ އެއްޗަކަށްވެފައި ފަސްގަނޑުގެ ހުތްކަން (ޕީއެޗް) ގަހާ ގުޅޭގޮތަށް ރަނގަޅުކޮށްދީ ފަސޭހައިން ގަހަށް ނަގައިދޭ ކާނާއަކަށް ވާތީއެވެ. މީގެ އިތުރުން ފަނާކުރި ހުއިފަތް ގަސްކާނާގެ ގޮތުގައި ތައްޔާރުކޮށްގެން ބޭނުންކުރާނަމަ އެއީ އޭގެ ޒާތުގައި ލަސްލަހުން ދޫކުރާ (ސްލޯ ރިލީޒް) ގަސްކާނާއެކެވެ. ހުއިފަތަކީ ގަހަށް ބޭނުންކުރެވިދާނެ ފައިދާ ހުރި ކާނާއެއްގެ ގޮތުގައި ޤުދުރަތުން ވަނީ ލައްވަވާފައެވެ.
ދިވެހިރާއްޖޭގައި ވެސް މަދުން ނަމަވެސް ހުއިފަތް ގަސްކާނާގެ ގޮތުގައި ބޭނުންކުރެއެވެ. މިސާލަކަށް ރާއްޖޭގައި ދަނޑުވެރިންގެ މެދުގައި މަޤުބޫލު ގަސްކާނާ އަދި ގަސް އާރޯކުރާ ކާނާ (ސްޓިމިއުލަންޓް) އެއް ކަމުގައިވާ 'މެކްސިކްރޮޕް' އަކީ ހުއިފަތުން ތައްޔާރުކުރާ އެއްޗެކެވެ. ރާއްޖޭގެ ބާޒާރުން މިފަދަ އެހެން ކާނާތައް މަރުކާކޮށްގެން ވިއްކަން ހުއްޓައި ވަރަށް ނުފެނެއެވެ. ފަތްކެޔޮ ހައްދާ ބައެއް ރަށްރަށުގެ ދަނޑުވެރީން، ދަނޑުބިންތަކުގައި ބިންގަނޑު ފޮރުވުމަށް (މަލްޗުކުރުމަށް) އަދި ގަސްކާނާގެ ގޮތުގައި ހުއިފަތް ގަސްތަކުގެ ބުޑަށް އަޅައި އުޅެއެވެ. އެހެންކަމުން ދަނޑުވެރިކަމުގައި ހުއިފަތް ބޭނުންކުރެވެމުން ރާއްޖޭގައި މިދަނީ ވަރަށް މަދު މިންވަރަކަށެވެ.
މިހާހިސާބުން ކުޑަ ހާދިސާއެއް ދަންނަވާލާނަމެވެ. އަޅުގަނޑުމެން މީސް މީޑިއާގައި ކުރަމުން މިގެންދާ ދަނޑުވެރީންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި މީގެ އަހަރުތަކެއް ކުރިން 'ޕޯލް' ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ މީހަކާ އެކު ހަފުތާއެއްހާ ދުވަހު އުޅެން ޖެހުނެވެ. އޭނާ އަޅުގަނޑުމެނާ ދިމާވި އިރު އުޅުނީ އެގްރިކަލްޗަރ މިނިސްޓްރީ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ ލަފާދާރަކަށެވެ. އޭގެ ކުރިން ލާމު އަތޮޅު މާންދޫގައި ކުކުޅު ފާމެއްގެ މަސައްކަތް އޭނަ ކޮށްފައި ވެއެވެ. ވަނަވަރުގެ ގޮތުން އޭނާއަކީ 'ފާމިންގ' ދާއިރާގެ މާހިރެކެވެ. އެދުވަސްވަރު އޭނާ އަބަދުމެ ދައްކަނީ ރާއްޖޭގެ ރަށްރަށުގެ ގޮނދުދޮށްތަކަށް 'ގޯޑު' ،ރެޑީމޭޑް ފަރޓިލައިޒަރ' (ހުއިފަތް) ޖަމާކޮށްދެއްވާފައި ވާއިރު، މާ އުނދަގޫ ކަމެއް ކަމުގައިވާ، ކުނިބުނިން ގަސްކާނާ ހެދުމުގެ މަސައްކަތް ރަށްރަށުގައި ކުރަން އުޅޭތީ އޭނާ ހައިރާންވާ ވާހަކައެވެ.
ޙަޤީޤަތުގައިވެސް ﷲ ތަޢާލާ އަޅުގަނޑުމެނަށް ދެއްވަވާފައިވާ ގިނަގުނަ ނިޢުމަތްތައް ބޭނުންނުކުރާ ތާނގައި، އެތަކެތި ދެއްވަވާފައިވާކަން ވެސް ބައެއް ފަހަރު ހިތަށްވެސް އަޅުގަނޑުމެން ނުގެންނަމުއެވެ.
ހުއިފަތް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ވިސްނާ ފަރާތެއް ހުރިނަމަ އެނގުން މުހިއްމު ބައެއް އިތުރު ކަންކަން ވެސް އެބަހުއްޓެވެ. ހުއިފަތުން ތަސީރު ނަގައިގެން ދިޔާ ނުވަތަ ހިކި ކާނާ ތައްޔާރުކުރެވޭނީ ލެބޯޓްރީއާއި އިތުރު ވަސީލަތްތައް ހުރެގެންނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ހުއިފަތް ފެނުގައި ފޯކޮށްގެން ހުއިފަތު ދިޔަ ނުވަތަ ސައި ގަސްގަހުގެ ބުޑަށް ދިޔާ ކާނާއެއްގެ ގޮތުގައި ދެވިދާނެއެވެ. އަދި ހުއިފަތް ވެއްޔާއެކު ފަނާކޮށް ހުއިފަތު ކާދު ހަދައިގެން ގަސް އިންދަން އަދި ފަސްގަނޑަށް އަޅަން ބޭނުންކުރެވިދާނެއެވެ.
ހުއިފަތު ސައި އަދި ހުއިފަތު ކާދު ހަދާއިރުވެސް ފުރަތަމަ ލޮނު ފިލުވަން ހުއިފަތް ފެނުން ދޮންނަންވާނެއެވެ. ސައިގަނޑު ން ކުނިވަސް ދުވަން ފެށުމުން އެ ސައި ބޭނުންނުކުރާށެވެ. ކާދު ހަދާނަމަ ރަނގަޅަށް ފަނާކޮށްގެން ނޫނީ ހުއިފަތުން ގަސްތަކަށް ފައިދާއެއް ނުކުރާނެއެވެ. މަލްޗުކުރާގޮތަށް ގަސްގަހުގެ ބުޑަށް އަޅާ ހުއިފަތް ކާނާއަށް ވުމަށް 8 މަސްވަރު ނަގާނެއެވެ.
ހުއިފަތު ކާދު ހަދާއިރު ފަނާކުރުމުގެ މަރުޙަލާ އަވަސްކުރަން ބޭނުންނަމަ ހުއިފަތް އަވީލައި ހިއްކާފައި ކޮންމެވެސް ވަރަކަށް ކުނޑިކޮށްލެވިދާނެ އެވެ. ފިސްކުރާ މެޝިނެއް ނެތި ބްލެންޑަރަކުން ކުނޑިކުރާނަމަ މިއީ ވަގުތު ނަގާނެ ކަމެކެވެ. އަނެއްގޮތަކީ ފަނާކުރާ ޖަރަސީމު ހުއިފަތްތަކުގައި އަށަގަންނުވަން ހުއިފަތްތައް ވަޅުގަނޑެއްގައި ވަޅުލުމާއި ކަރުގޮހޮރުގަނޑެއް ހުއިފަތްތަކުގެ ތެރޭގައި ބޭއްވުމެވެ. ކިލާ ފަނި ލިބޭނަމަ 10 ވަރަކަށް ކިލާފަނިވެސް ވަޅުޖައްސައިލެވިދާނެ އެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރަނީ ލައްގާފައި ހުންނަ ހުއިފަތެވެ. ދިރޭ ހުއިފަތަކީ ތިމާވެއްޓަށް ނުހަނު ފައިދާ ލިއްބައިދޭ ގަހެކެވެ. އެގޮތަކީ ހުއިފަތުގެ ވިނަގަނޑުތަކުން ގެނދަބުޅި (ކާބަން) ނަގައި ރައްކާކޮށް ބޭނުންކުރެއެވެ. ބުނެވޭގޮތުގައި ދުނިޔޭގައިވާ ގަސްގަހާގެހީގެ ތެރެއިން މި ދައުރު އެންމެ ބޮޑަށް އަދާކޮށްދޭ ގަހުގެ ބާވަތަކީ ހުއިފަތް ވިނަގަނޑުތަކެވެ. އެހެންކަމުން ދުނިޔެ ހޫނުވާ މައްސަލައަށް އޮތް އެންމެ ބޮޑު އެއް ޙައްލަކީ ދުނިޔޭގެ ފަޅުފަރުތަކުގައި ވާ ހުއިފަތް ވިނަގަނޑުތައް ހިމާޔަތްކޮަށް ދިރުވައި އާލާކުރުން ކަމުގައި ސައިންސްވެރީން ދެކެއެވެ.
ދިރޭ ހުއިފަތް ފަޅުފަރުތަކުން އުފުރުމާއި އަދި ކިއެއްތަ ލައްގާފައި ހުންނަ ހުއިފަތް ވެސް ގޮނޑުދޮށުގެ ދިރުންތަކަށް ގެއްލުން ލިބޭ މިންވަރަށް ނެގުމަކަށް އަޅުގަނޑުމެން ހިތްވަރެއް ނުދެމެވެ. މި މަޢުލޫމާތުކޮޅުގެ ބޭނުން ހިފަންވާނީ އަމިއްލަ އިޚުތިޔާރުގައި ޒިންމާދާރުކަމާ އެކުގައެވެ.
މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.