އަންހެނުންނަށް ޖާގަ ދީ، އޭގެ ފައިދާ ކުރާނެ: ނަހުލާ

ނަހުލާ، ފޮޓޯ: ޖޭޕީ
ނަހުލާ، ފޮޓޯ: ޖޭޕީ

ފިރިހެނުންގެ ވިސްނުން ބަދަލުކޮށް މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ވެސް ކުރާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓަރު ނަހުލާ އިސްނެންގެވުމުގެ މަތީން ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އާންމުކޮށް އަންހެނުން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޖަލްސާ އޮތީ ރޭ، ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރު ނަހުލާ ވަނީ އޭނާ ސިޔާސީ ދާއިރާއަށް ނުކުންނެވުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، ޚާއްސަކޮށް މިނިސްޓްރީއެއް ހިންގެވުމުގައި ވެސް އަންހެނަކަށް ވީތީ ތަނުގެ އެތެރެއިން ފިރިހެނުންބޭފުޅުންގެ ވިސްނުން ހުންނަގޮތުން ދިމާވަ ގޮންޖެހުންތައް ފާހަގަ ކުރައްވާފައެވެ. ނަހުލާ ވިދާޅުވީ، މިނިސްޓްރީއަކަށް ގުޅިވަޑައިގެން ފަހުން އެ ތަނުން ކުރިމަތިވާ ކަންކަން ވެސް ފަސޭހައެއް ނޫން ކަމަށެވެ. އަދި ބައެއް ފިރިހެން ބޭފުޅުންގެ ވިސްނުން ހުންނަ ގޮތުން އަންހެން ބޭފުޅެއް ނޫނީ އަންހެނަކު ތަނެއްގައި އިސްކޮށް ހުރީމާ އުނދަގޫވާ ގޮތްވާ ކަމަށް ވިދާޅުވިއެވެ. އެހެންވެ އެ ވިސްނުން ބަލުކޮށްދިނުމަށް ނަހުލާ ވަނީ ފިރިހެނުން ކިބައިން އެދިވަޑައިގެންފައެވެ.

ނަހުލާ ވިދާޅުވިގޮތުގައި، މިންތީގެ ހަމަހަމަކަމަށް މަސައްކަތްކޮށް ފިރިހެނުން ވެސް އެކަމަށް ޖާގަ ދޭންޖެހެއެވެ. އަދި ކަންކަން ނިންމުމުގަ އާއި ޕޮލިސީތައް އެކުލަވާލުމުގައި ވެސް އަންހެނުންގެ ވިސްނުން ހިމަނަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެއީ މުހިންމު ކަމެއް އޭގެ ސަބަބުން ޔަގީނުން ވެސް އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ނަހުލާ ވަނީ އަންހެނުން ކަމަކަށް ކުރިމަތިލާނަމަ ވަރަށް ދުއްތުރާތަކާ ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގޮތްދޫނުކުރައްވާ ކުރިއަށް ދިއުމަށް އޭނާ ވަނީ އަންހެންނުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ބައެއް އަންހެން ބޭފުޅުން ކަންކަމާ ކުރިމަތިލާއިރު އެހީވާނެ ފަރާތްތައް މަދު ކަމަށާއި އަންހެނުން އަންހެނުންގެ ފަހަތުުގައި ތިބުން މުހިއްމު ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އަދި އަންހެނުންގެ އަދަދު މާ ގިނަކަން ފާހަގަކުރައްވައި، ކުރާ ފުރައްސާރައަކަށް ބެލުމެއްނެތި ކުރިއަށް ދިއުމަށް އަންހެނުންގެ ކިބައިން ނަހުލާ ވަނީ އެދިވަޑައިގެންފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *