ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި މުބާރާތުގެ ގުރުއަތުލާފައި ވަނީ ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓުގައި އެ ކަމަށްޓަކައި ބޭއްވި ކުޑަކުޑަ އިވެންޓެއްގައެވެ. މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 10 ވަނަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހަދާފައިވާ މަލްޓިޕާޕަސް ކޯޓުގައެވެ.

Ad
rt

މި މުބާރާތުގައި ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހިޔަލަ، ބެއާފޫޓް، ރޫހް، އުންމީދު އަދި ރޭރް ސްކޮޑެވެ.

މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތް ހުޅުވާ މެޗުގައި މި މަހުގެ ދިހަވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ރޫހް އާއި ޓީމް އުންމީދެވެ. މި މެޗު ފަށާނީ އެ ދުވަހުގެ ހަވީރު 16:10 ގައެވެ. މުބާރާތުގެ ދެވަނަ މެޗު އެ ރޭ 20:10 ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ރޭރް ސްކޮޑާއި ބެއާފޫޓެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ކަނބަލުންގެ މެދުގައި ވޮލީ ބޯޅައިގެ ހުނަރު އިތުރުކޮށް، ވާދަވެރި މާހައުލެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހަނިމާދޫގެ ކަނބަލުންނަކީ އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިންނަށް ހެދުމެވެ.