ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ޑޯޓްމަންޑުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު ޗެލްސީ ވަނީ 2-0 ގެ ނަތީޖާއިން މޮޅުވެ، އެގްރިގޭޓް ނަތީޖާ 2-1 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފައެވެ.
ނަތީޖާތައް އާދަޔާ ޚިލާފަށް ދަށްވުމަށް ފަހު މަޑުމަޑުން ޗެލްސީގެ ފޯމް ރަނގަޅުވާން ފަށާފައިވާއިރު، މި މޮޅަކީ އެ ޓީމަށް ސީޒަންގެ ބާކީބައި ރަނގަޅަށް ކުރިއަށް ގެންދިޔުމަށް ލިބިގެންދާނެ ހިތްވަރަކަށް ވާނެއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗު ވެސް ޗެލްސީ ވަނީ ކާމިޔާބު ކޮށްފައެވެ. މި ދެ މެޗުން މޮޅުވުމާއިއެކު މިވަގުތު ޗެލްސީގެ ކޯޗްގެ މަޤާމުގައި ހުރި ޕޮޓާއަށް އޮތް ޕްރެޝާއަށް ވެސް ވަނީ ފިނިކަމެއް ލިބިފައެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ ފަނަރަވަރަކަށް މިނެޓް ޑޯޓްމަންޑުން ވަނީ ގޭމް ވަރަށް ބޮޑަށް ޑޮމިނޭޓް ކޮށްފައެވެ. މެޗު ކުރިއަށް ދިޔަވަރަކަށް ޗެލްސީ ވަނީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ ޑޯޓްމަންޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ކައި ހަވާޓްޒްއަށް ޑޯޓްމަންޑްގެ އޭރިއާބޭރުން ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ބާރު ހަމަލާ ދަނޑީގައި ޖެހިފައި ނުކުތްއިރު، އޭގެ އިރުކޮޅެއް ފަހުން ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހަވާޓްޒް ވަނީ ޑޯޓްމަންޑްގެ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ބޯޅަ ލިބުނު އިރު ސްޓާލިން އޮފްސައިޑްގައި ހުރުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޑޯޓްމަންޑްގެ ގޯލް ކުރިމައްޗަށް ހުރަސްވީ ބޯޅަ ހޯދައި ސްޓާލުން ވަނީ ޑޯޓްމަންޑްގެ ޑިފެންސް ތެރެއިން ދެމިގަނެ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރެއްނުވެ، ޗެލްސީ އަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. މިއީ، ޗެލްސީގެ ބެން ޗިލްވެލް ނެގި ހުރަހެއް ޑޯޓްމަންޑްގެ މާރިއަސް ވޮލްފް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީއަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިދިނީ ހަވާޓްޒްއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ ބެންފީކާއިން ވަނީ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއިން ކުލަބް ބުރޫޖްގެ މައްޗަށް ކުރި ހޯދާފައެވެ. މި ދެ ޓީމް ބުރޫޖްގެ ދަނޑުގައި ކުޅުނު މެޗުން ވެސް ބެންފީކާ ވަނީ 2-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ވުމާއެކު މުބާރާތުގެ ކުއާޓާއިން ބެންފީކާ ޖާގަ ހޯދާފައި ވަނީ 7-1 ގެ ނަތީޖާއިން ބުރޫޖްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި މިރޭ ފްރާންސްގެ ޕީއެސްޖީއާއި ޖަރުމަނުގެ ބަޔާން މިއުނިކް ބައްދަލުކުރާނެއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅެ ބަޔާނުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މިރޭ ބަޔާން ދަނޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަނޑިން މިރޭ ދަންވަރު 01:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!