ހއ. މޮޅަދޫގައި އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެން ނިންމައި، އެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސެޝަންތަކަކީ މޮޅަދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންތަކެކެވެ.

Ad
rt

މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ނަފުސާނީ ބަލިތަކުގެ ޑަކްޓަރު އައިޝަތު ޢަލީ ނާޒެވެ.

މާރިޗު 9 ވަނަ (ބުރާސްފަތި) ދުވަހު އޮންނަ މި ސެޝަންތައް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. މިގޮތުން ފުތަމަ ބައި ޚާއްސަކޮށްފައި ވަނީ އެރަށުގެ މުޅި ރައްޔިތުންނަށެވެ. ދެވަނަ ބައި ހާއްސަކޮށްފައި ވަނީ ބެލެނިވެރިންނަށެވެ.

ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގައި ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ސެޝަންގެ މައުލޫމާތު ދޭނީ ދަރިން ތަރުބިއްޔަތު ކުރުމާއި، ދަރިންގެ ނަފްސާނީ ދުޅަހެޔޮކަން އަދި ވޯކް ލައިފް ބެލެންސްގެ މައްޗަށެވެ.

އެރޭ ރައްޔިތުންނަށް އޮންނަ ސެޝަން ފަށާނީ 20:15 ގައެވެ. މި ސެޝަންގައި މައުލޫމާތު ދޭންހަމަޖެހިފައި ވަނީ އެންޒައިޓީ، ޑިޕްރެޝަން އަދި ސްޓްރެސްއިން ސަލާމަތްވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.

މި ސެޝަންތައް އޮންނާނީ އެރަށު އިޖުތިމާއީ މަރުކަޒުގައެވެ.

ސެޝަންތަކުގެ އިތުރުން ޑަކްޓަރަށް ދެއްކުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން ޑރ. ނާޒް އަށް ދެއްކުމަށް އެދޭ ފަރާތްތަކުން 7959111 އަށް ގުޅައި ނަންނޯޓު ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.