އިސްލާމީ މުޖުތަމަޢެއް، އެއްޖިންސުން ގުޅުންހިންގާށާއި ފާހިޝްކަންކަމަށް ހޭނުވިޔަ ނުދޭށެވެ.

images (1)

މާތް ﷲ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ގަދަފަދަ އަޒާބެއް ފޮނުއްވައި އެބައިމީހުން އެކީއެކަށް ހަލާކުކުރެއްވީ، އެބައިމީހުން އެކަލޭގެފާނަށް ނުކިޔަމަންތެރިވެ، ނުބައިކަން ބޮޑު ފާޙިޝް ޢަމަލެއް ކަމަށްވާ އެއްޖިންސުން ގުޅުން ހިންގުމަކީ އާންމު ކަމެއް ކަމަށް ހެދުމުގެ ސަބަބުންނެވެ. މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑު، އަދި އެހާމެ ނުރައްކާތެރިކަމެކެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް އެފަދަ ފާޙިޝް ކަންކަމަށް ބަޔަކު މީހުން އަރައިގަންނަނީ އެއްވެސް ބިރުވެތިކަމެއް ނެތިއެވެ. ހުޅަނގު ޤައުމުތަކުގެ އިއްތިޙާދުންނާއި އަލިފްދާލުން އެކަމަށް ރަސްމީ ހައިސިއްޔަތުން މަޝްރޫޢުތައް ހިންގައި އެތައް މިލިއަން ޑޮލަރެއް އެކަމަށް ޚަރަދުކުރެއެވެ.

މީޑިއާތަކުންނާއި ފިލްމުތަކުން އެ ކަންކަން ދައްކަމުންދަނީ އެއީ ފިޠުރީ ކަމެއްގެ ގޮތުގައެވެ. އެއީ އިންސާނީ ހުރިހައި މުޖުތަމަޢުތަކުން ހިތާއި ރޫޙުން ބަލައިގަންނާންޖެހޭ ކަމެއްގެ ގޮތުގައެވެ.

އެހެންކަމުން، މި ނުބައި ފިކުރުގެ މުޞީބާތް ވަނީ އިސްލާމީ މުޖުތަމަޢުތަކަށް ވެސް ނިހާތަށް ކުރިމަތިވެފައެވެ. ޅަދަރީންގެ ސިކުނޑިތައް އެއަށް ލަންބައި، އެ ޅަސިކުނޑިތައް އެ ނަޖިހުން ތަޣައްޔަރުކުރުމުގެ ނިޔަތުގައި، ކުޑަކުދީންނަށް އަމާޒުކުރެވިގެން ނުކުންނަ ކާޓޫނުތައް ވަނީ ގިނަވެފައެވެ. ތަޢުލީމީ މުޤައްރަރުތަކުގައި އެ ކަންކަން ވަނީ ހިމަނަން ފަށައިފައެވެ.

މިއީ ވަރަށް ވެސް ޚުޠޫރަތްތެރި ކަމެކެވެ. މިއަދު މުސްލިމް މައިންބަފައިންގެ ޅަދަރީންނަކީ މިފަދަ ކާޓޫނުތަކާއި ފިލްމުތަކުގެ މައްޗަށް ތަރުބިއްޔަތުވަމުންދާ ކުދީންކަމުގައި ވަނީ ވެފައެވެ. އެ ކުދީން ބޭނުންއިރަކު ބޭނުން ކާޓޫނެއް އެއްވެސް ހައްދެއް ނެތް ގޮތުގައި ބެލުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.

ފިޠުރަތާ އިދިކީލަ، ފާޙިޝް ފިކުރުތަކުގެ މައްޗަށް ހަދައިފައި ހުންނަ ފިލްމާއި ޑްރާމާތައް ގޭގެ ސިޓިންގރޫމުގައި ހުންނަ ޓީވީން ތާއަބަދު އެ ކުދީން ދަނީ ބަލަމުންނެވެ. މައިންބަފައިންނަށް ހޭވެރިކަމެއް ވަނީ އެ ކުއްޖާ ތިމާއަކީ "ގޭ" ނުވަތަ "ލެޒްބިއަން" އެކޭ ބުނާ ހިސާބުންނެވެ. ނުވަތަ އެ ކުއްޖާއަކީ އެފަދަ ކުއްޖެއްކަން ފަޅާއަރާ ހިސާބުންނެވެ. އޭރު އޮންނަނީ ވާނެ އެއްޗެއްވެ، އެ ކުއްޖަކު އަތުނުޖެހޭ ހިސާބަށް ގޮސްފައެވެ.

އިލްޙާދީ ފިކުރު ވެސް ހަމަ މި ބާރުމިނުގައި ކުރިޔަށް އެބަ ދެއެވެ. މީގައި އެންމެ ހިތާމަވެރިކަމަކީ، މި ކަންކަން ކުއްޖާ ލިބިގަންނަ އެއް ވަސީލަތަކީ، ގޭގައި ބަހައްޓައިފައި ހުންނަ ޓީވީގެ ޒަރީޢާއިން ނުވަތަ އިންޓަރނެޓުގެ ޒަރީޢާއިން އެ ކުއްޖާ އެ ބަލާ އެއްޗެހީންކަން ބެލެނިވެރީންނަށް ވިސްނިފައި ނުވުމެވެ. ސްކޫލުގައި ދެވޭ ދީނީ ތަރުބިއްޔަތާއި ތަޢުލީމަކީ ވަރަށް ހަނި ދާއިރާއެއްގައި ދެވޭ އެއްޗެއްކަން އެ ބެލެނިވެރީންނަށް ރޭކާލައިފައި ނުވުމެވެ. މިހެން ގޮސް އެތައް ކަމެކެވެ.

އިސްލާމީ މުޖުތުމަޢު މި ފާޙިޝް ނުބައި ޢަމަލުންނާއި އިލްޙާދީ ކުފުރުގެ ފިކުރުތަކުން ސަލާމަތްކުރާން ބޭނުމިއްޔާ، އެންމެން ގުޅިގެން ވަނީ މަސައްކަތްކުރާން ޖެހިފައެވެ. މި ފަދަ ފާޙިޝް ނުބައި ކަންކަމާއި ފިކުރުތައް ފަތުރާން ރެޔާއި ދުވާލު ހަރަކާތްތެރިވާ މީހުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ ކަންކަމަށް ފާރަވެރިވެ، ޅަދަރީންތައް އެބައިމީހުންގެ ވަކިތަކުން ސަލާމަތްކުރުމަށް އެތައް މަސައްކަތެއް ވަނީ ކުރާން ޖެހިފައެވެ.

މި ދެންނެވި ފާޙިޝް ކަންކަމަށް އަޅުގަނޑުމެންގެ މުޖުތަމަޢު ހޭނުވިޔަ ދީގެން ނުވާނެއެވެ. މާތް ﷲ ގެ ގަދަފަދަ ޢަޒާބަކަށާއި، ދުނިޔެމަތީ އަޅުގަނޑުމެންނަށް ދިމާވެދާނޭ ކޯފާއަކަށް ބިރުވެތިވާން ޖެހެއެވެ. ޅަދަރީންނަކީ އަމާނާތެއްކަން ދަނެ، އެ ކުދީންނާ މެދު ސަމާލުވާންޖެހެއެވެ. ދީނާ ފުށުއަރާ ޢަޤީދާތަކާއި ގަބޫލުކުރުންތަކާއި ފާޙިޝް ކަންކަމަށް މުޖުތަމަޢު ހޭނުވިޔަ ނުދިނުމަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތެއް ކުރާން ޖެހެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިކަން ފަތުރަނީވެސް ނޫސްތަކުން . އަލަމްގިރި މައްސަލަ ކަހަލަ މައްސަލަރައް ނަގާ ކޮންމެ ދުވަހަކު ނޫހުގައި ޖަހާ އެކަމަށް މީމްސް ހަދާ މިހާރު ވަރަށް ނޯމަލް އެކަންކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *