ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

މި އޮފީސް އިމާރާތަކީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފައިވާ އޮފީސް އިމާރާތެކެވެ.

Ad
rt

ހުޅުމާލޭގައި މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި އޮފީސް އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވަރަށް ގިނަ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޢުމަރު ޒާހިރު އޮފީސް ޢިމާރާތަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ޒަމާނީ ވަޞީލަތްތަކާއެކު 25000 އަކަފޫޓުގެ ބޮޑުމިނުގައި އޮފީސް ހިންގުމަށް ޖާގަ ހިމެނެއެވެ.

މި އޮފީސް ޢިމާރާތާއި އެކު 21 ކާރާއި، 360 ސައިކަލު ޕާކު ކުރެވޭނެ ޕާކިން ޒޯނެއްވެސް ވަނީ ޤާއިމްކޮށްފައެވެ.