އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ސަލެނިޓާނާ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ރޭ ސަލެނިޓާނާގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

ފަހަކަށް އައިސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ޔުވެންޓަސްގެ ސާބިއާ ފޯވާޑް ޑޫސަލް ވަލްހޯވިޗް މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނުއިރު، މިއީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހަށް ފަހު އޭނާ ޔުވެންޓަސްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

Ad
rt

މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސްއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވަލްހޯވިޗެވެ. ޔުވެންޓަސްއަށް މި ޕެނަލްޓީ ލިބިފައި ވަނީ އެ ޓީމްގެ ލޮކަޓެއްލީއަށް ސަލެނިޓާނާގެ އޭރިއާ ތެރެއިން އެ ޓީމްގެ ނިކޮލޫސީ ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ދެވަނަ ލަނޑު 45 ވަނަ މިނެޓުގައި ވަލްހޯވިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފިލިޕް ކޮސްޓިޗެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެމިނެޓްތެރޭ ޔުވެންޓަސް އިން ވަނީ އެ ޓީމްގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ނިކޯލޯ ފަޖިއޯލީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނު ވަލްހޯވިޗެވެ.

މާލީ މައްސަލަތަކުގެ ސަބަބުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރުމުން އެ ޓީމް މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައެވެ. މިވަގުތު އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ. މި މެޗުން ބަލިވި ސަލެނިޓާނާ މިވަގުތު އޮތީ ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ.