މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެމްޓީޑީސީން ނެރެފައިވާ 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާނުން ދައްކާ ގޮތުގައި، މި މުއްދަތުގައި ޓޫރިޒަމް ވިޔަފާރިކޮށްގެން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ، 811،777 ޑޮލަރު ލިބިފައެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެމްޓީޑީސީއަށް 1.8 މިލިއަން ޑޮލަރު (28.2 މިލިއަން ރުފިޔާ) ލިބިފައިވާއިރު، ޖުމްލަ ފައިދާ އުޅެނީ 1.2 މިލިއަން ޑޮލަރު (18.5 މިލިއަން ރުފިޔާ) ގައެވެ.
މި މުއްދަތުގެ ތެރޭގައި ވިޔަފާރި ހިންގައިގެން 928،139 ޑޮލަރު ލިބިފައިވާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 955،032 ޑޮލަރު، ( 14.7 މިލިއަން ރުފިޔާ) އެވެ.
މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 7.3 މިލިއަން ޑޮލަރު (113.2 މިލިއަން ރުފިޔާ) ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 2.9 މިލިއަން ޑޮލަރު (46.1 މިލިއަން ރުފިޔާ) އެވެ.
އެމްޓީޑީސީން މިދިޔަ އަހަރުގެ ނިޔަލަށް ދަރަނީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ 13.5 މިލިއަން ޑޮލަރު އެބައޮތެވެ. މީގެ އިތުރުން ކުއްޔަށް ނަގާފައިހުރި ރަށްތަކުން ކުލީގެ ގޮތުގައި 22.4 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.
އެމްޓީޑީސީން މިދިޔަ ކުއާޓަރުގެ ނިޔަލަށް ރިސޯޓުގެ ގޮތުގައި ކިހަވައް ހުރަވަޅި އާއި މަގޫދުވާ ހިންގަމުން އަންނައިރު، ހދ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ނާގޯށީގެ މަސައްކަތް އަންނަނީ މިހާރުވެސް ކުރަމުންނެވެ.
2020 ވަނަ އަހަރަކީ 11 އަހަރަށް ފަހު އެ ކުންފުނިން ހިއްސާގެ ފައިދާ ބެހި އަހަރެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ލާރި ވަނީ ބަހައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!