ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ރެއާލުން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މެޗު ފެށިތާ ތިންމިނެޓްގެ ތެރޭ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެސެންސިއޯއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މޮޑްރިޗް ހުރަސްކުރި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލްގެ ޑިފެންޑަރ ރުޑިގާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް އޭރިއާތެރެއިން ބެންޒެމާ ވެލެންސިއާގެ ޔޫނުސްއަށް ކުރި ފައުލަކާއި ގުޅިގެން ވީއޭއާރުން އިތުރަށް ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯއެވެ. މިއީ ބެންޒެމާ ދިން ޕާހެއް ކޮންޓްރޯލް ކުރުމަށް ފަހު ވެލެންސިއާގެ އޭރިއާ ބޭރުގައި ހުރެ ދުރުކަނަށް ފޮނުވާލި ބާރު ބޯޅައަކުން އޭނާ ކާމިޔާބުކުރި މޮޅު ލަނޑެކެވެ.
އެސެންސިއޯގެ ލަނޑުން ލީޑު ނެގިތާ ތިން މިނެޓްފަހުން އަރިމަތުން ބެންޒެމާ ކުޅުނު ބޯޅައެއް ހިފައިގެން ވަދެ ވިނީސިއަސް ވަނީ ރެއާލަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗަކީ ވިނީސިއަސް ރެއާލުގެ ޖޯޒީގައި ކުޅުނު 200 ވަނަ މެޗެވެ.
މި މެޗުގެ 72 ވަނަ މިނެޓުގައި ރެއާލުގެ ވިނީސިއަސްއަށް ގަސްތުގައި ހަމަލާ ދިނުމުން ވެލެންސިއާގެ ޑިފެންޑަރ ގެބްރިއަލް ޕައުލިސްޓާއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެ ރެއާލްގެ ތަޖުރިބާކާރު ފޯވާޑް ބެންޒެމާ ވަނީ މެޗުގެ 60 ވަނަ މިނެޓުގައި ބަދަލު ކޮށްފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އެންޗެލޯޓީ ބުނެފައި ވަނީ ބެންޒެމާގެ އަނިޔާ މާ ސީރިއަސް ނޫން ކަމަށާއި، ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހުމުން ކުޅުންތެރިނަށް ރިކަވާވާން އެކަށީގެންވާ ވަގުތު ނުލިބޭތީ މިފަދަ މައްސަލަތައް ދިމާވާނެ ކަމަށެވެ.
މި މެޗުން މޮޅުވުމާއި އެކު ރެއާލް މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ 19 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް ބާސާއާއި ރެއާލާއި ދެމެދު 5 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މި މެޗުން ބަލިވި ވެލެންސިއާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!