ހައި ކޯޓުގައި ޔާމީންގެ ހުކުމް އިސްތިއުނާފުކޮށް، އެ މައްސަލަ ބަލައި، މާރޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ އިސްތިއުނާފު މަރުހަލާ ހިނގާލެއް އަވަސްވާނެ ކަމަށާއި ހައި ކޯޓުގައި ވެސް އާންމުކޮށް ބާއްވާ އިސްތިއުނާފު މައްސަލަތަކުގައި ބާއްވަނީ ދޭއް ނުވަތަ ތިން އަޑުއެހުން ކަމަށެވެ.

Ad
rt

"އެހެންކަމުން އާންމު އުސޫލުން ހައި ކޯޓުގައި މައްސަލަ ކުރިއަށްދާ އިރު އެއްވެސް އިތުރު ނުފޫޒެއް ނުވަދެ މައްސަލަ ކުރިއަށްދާ ނަމަ މާރޗު މަހުގެ ތެރޭގައި ހައި ކޯޓުގައި އޮތް މައްސަލަ ނިމޭނެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ. އެކަމުގައި، ޕާާޓީގެ މެންބަރުންނާއި ލީޑަރޝިޕުން ވެސް ސުވާލު ކުރޭ. ވީހާ ވެސް އަވަހަށް އިސްތިއުނާފު ކުރެވޭތޯ ބަލަމުންދަނީ." އޭނާ ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ އިސްތިއުނާފަށް ނުލެވި ލަސްވަމުން ދިޔައީ އެ މައްސަލައިގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫނުކުރާތީ ކަމަށާއި އެ ރިޕޯޓް ކުރިމިނަލް ކޯޓުން ހަވާލުކޮށްފައި ވަނީ މި މަހުގެ މެދު ތެރޭގައިކަން ގާނޫނީ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރަން އަވަސް ކުރަން ބޭނުންވާ މައިގަނޑު އެއް ސަބަބަކީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާޓުން ވާދަކުރާ ކެންޑިޑޭޓަކީ ރައީސް ޔާމީނަށް ވުމެއެވެ. އިންތިހާބުގައި ވާދަ ކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23، އިން އޮގަސްޓު 3 އަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ނަމަ އޮގަސްޓް 3ގެ ކުރިން ޔާމީން މިނިވަންވާން ޖެހެއެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.