މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ސާފުވި ނަތީޖައަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުމެފައި ވަނީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އިން ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މިލަދުންމަޑުލު އުތުރުބުރިން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަނީ ވޯޓުލީ މީހުންގެ 80 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ.

Ad
rt

މިލަދުންމަޑުލު އުތުރުބުރީގެ އެމްޑީޕީގެ މެންބަރުން 21 ފޮއްޓަކަށް ވޯޓުލާފައިވާއިރު، މިހާތަނަށް ނަތީޖާ ސާފު ނުވަނީ އެންމެ ފޮއްޓެއްގައެވެ. އެއީ ފުނަދޫ ދާއިރާގެ މެންބަރުން ވޯޓު ލުމަށް މާލޭގައި ބެހެއްޓި ފޮއްޓެވެ.

މިލަދުންމަޑުލު އުތުރުބުރިން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 1893 ވޯޓެވެ. ނަޝީދަށް ލިބިވަޑައިގަތީ 472 ވޯޓެވެ.

މި އިންތިޚާބުގައި މިހާތަނަށް ސާފުވި ޖުމްލަ ނަތީޖާ ކަމަށް އެމްޑީޕީން އާންމުކޮށްފައިވާ ނަތީޖާ އަށް ބަލާއިރު 62 އިންސައްތަ ވޯޓާއެކު ރައީސް ޞާލިޙް އުޅުއްވަނީ ކުރީގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ފެށީ މިއަދު ހެނދުނު 9 ޖެހިއިރު އެވެ.

އެމްޑީޕީން ބުނެފައި ވަނީ މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 49 ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

އެ ޕާޓީން ޢާންމުކޮށްފައިވާ މި ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ވޯޓާސް ލިސްޓުގައި ވާގޮތުން 57،257 މެންބަރުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.