ށ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ.

ފުނަދޫ އަކީ މިހާރު ވެސް ށ. އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައި ހުންނަ ރަށެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ.

Ad
rt

ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމުން، ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް -/1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށެވެ.

ފައިސާ ބަލައިގަންނާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ފެބްރުވަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން މެންދުރު 2 ޖެހުމާއި ހަމައަށް ކަމަށާއި ފައިސާ ދައްކާނީ އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  https://bandeyripay.finance.gov.mv މެދުވެރިކޮށް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެ އެވެ.

މީގެ އިތުރުން ފައިސާ ދެއްކުމަށްފަހު، ބީލަންތަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފޮނުއްވަންވާނެ ކަމަށް ވެސް ވިދާޅުވެ އެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް މެދުވެރިކޮށް މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ހުށަހެޅުއްވުމަށް ވަނީ އެދިލައްވާފަ އެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,650,000 ރުފިޔާ (އެއްމިލިއަން ހަލައްކަ ފަންސާސް ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް ވިދާޅުވެއެވެ.

ބިޑުތައް ހުޅުވުމަށް ނިންމާފައިވަނީ ފެންރުއަރީ މަހުގެ 9 ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު، އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެ އެވެ.

އެ މިނިސްޓްރީން ވިދާޅުވީ ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަަމަށާއި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށެވެ.