މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު، އިސްތިއުފާ ދެއްވުމުން ނެވެ.
އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، އޭރު އެމަގާމުގައި ހުންނެވި، ފާތުމަތު ޒައިނާ އެމަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.
ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ރައީސް އޮފީހުން ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި މިމަހުގެ 22 އާއި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް އެ އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގެ ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. ކޮމިޝަންގެ ނައިބު ގައިސް އިސްތިއުފާ ދެއްވާފައިވާތީ ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އަމްޖަދު ވަހީދު އަދި މުޙައްމަދު ފަޒީންގެ އިތުރުން ޝިފްލާ އިބްރާހީމެވެ.
ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.
ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!