ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު އެ އެއާޕޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުއެވެ.
އެ އެއާޕޯޓް ބޮޑުކުރުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވާތީ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މިހާރު ވަނީ މަސްވަރާ ކޮށްފައެވެ. މިގޮތުން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ އެ ރަށުގެ ކަނބަލުންނާއިއެކު ބައްދަލުވުން ބާއްވާފައިވާއިރު، މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ވަނީ އެ ރަށުގެ ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ވިދާޅުވެފައި ވަނީ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެއް ކަމަށާއި، ވުމާއިއެކު ހަނިމާދޫގައި އެވަރުގެ މަސައްކަތެއް ފެށިގެންދާއިރު ރައްޔިތުންގެ ނަމުގައި ވެސް އެކަން ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަން ބޭނުންވާ ކަމަށެވެ.
ފިރާގު އިތުރަށް ވިދާޅުވެފައި ވަނީ ބައްދަލުވުންތައް ބޭއްވި މިހާރު ކުރިއަށް ދަނީ ކަންކަން ފައިނަލް ކުރުމުގެ މަރުހަލާ ކަމަށެވެ. މިގޮތުން ރައްޔިތުންނާއި ގުޅިގެން ރަށްތެރެ ސާފުކުރުމާއި، ރަށް ޒީނަތްތެރި ކުރުމުގެ އިތުރުން ރަސްމިއްޔާތަށް ރަށަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާން ދާރީ އަދާކުރުމަށް ތައްޔާރުވަމުން ދާކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކަންކަން ފައިނަލް ކުރެވި އެ ކަންކަމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑު ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތަށް މައިދާން ތައްޔާރު ކުރުމާއި އަދިވެސް އެ ހަރަކާތާއި ގުޅުންހުރި ކަންކަން ފުރިހަމަ ކުރުމަށް އެ އެއާޕޯޓްގެ މުވައްޒަފުން ވެސް އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓް ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރާނެ އެވެ.
އެ ޕްރޮޖެކްޓް ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!