ށ. ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި އެވެ.
މިއީ އެ އަތޮޅު ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ރަށު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު އަންހެން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މިއީ ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕާއި ގުޅޭ މައުލޫމާތު 'ތިލަދުން' އަށް ހިއްސާ ކުރައްވަމުން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ވޯކްޝޮޕެއް ކަމަށެވެ.
މި ވޯކްޝޮޕް ހިންގުމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ބޭފުޅުން ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ގޭގައި ތިބެގެން އާމްދަނީ އެއް ހޯދުމަށް އަންހެނުންނަަށް މަގުފަހިކޮށްދިނުން. ކޭކް އެންޑް ޕޭސްޓްރީ އަކީ މިރަށުގަ ވެސް ވަރަށް ޑިމާންޑު ބޮޑު އެއްޗަކަށްވާތީ މިފަދަ ވޯކްޝޮޕެއް ހިންގުމަށް ނިންމީ." ރަބީއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަމަށް ފަންޑު ކުރީ އަތޮޅު ކައުންސިލުގެ ބަޖެޓުން ކަމަށެވެ.
މި ވޯކްޝޮޕާއި ގުޅޭ ގޮތުން ނޫމަރާ ޑަބްލިއުޑީސީ ގެ ރައީސާ ޒިޔާދާ ވިދާޅުވީ ކިޔަވައިދެއްވީ އެ ދާއިރާއިން ލެވެލް 3 ގެ ކޯސް ފުރިހަމަކޮށް ރަށުގައި އަމަލީގޮތުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ އެރަށުގެ ކަނބަލެއް ކަމަށެވެ.
"ކިޔަވައިދިނީ ރަށު ކުއްޖެއް. އެއީ މިކަމުން ލެވެލް 3 ހަދާފަ ހުރި ކުއްޖެއް. ރަށުން ބޭރުން މީހަކު ގެނެސްގެން ކުރުމަށްވުރެ، ރަށުގައި މީހަކު ހުއްޓާ އޭނާގެ ބޭނުން ހިފުން ރަނގަޅުވާނެތީ އެގޮތަށް ނިންމީ. މި ރަށުގަ ތިބޭނެ އެކަން ކުރާ ދެކުދިން." ޒިޔާދާ ވިދާޅުވި އެވެ.
ޒިޔާދާ ވިދާޅުވީ ކޮންމެ ބައިވެރިއެއްގެ އަތުން 100 ރުފިޔާގެ ފީ އެއް ނަގައިގެން ހިންގި މި ވޯކްޝޮޕްގައި ބައިވެރިވި 8 ފަރާތުން ވެސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ކަމަށެވެ. އަދި ކޯހަށް ބޭނުންވާ ސާމާނު ދިނީ ޑަބްލިއުޑީސީ އިން ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިއީ ރަށުގައި ގޭގައި ތިބެގެން ކަނބަލުންނަށް ރަނގަޅު އާމްދަނީ އެއް ހޯދިދާނެ މަސައްކަތެއް ކަމަށާއި އެ ރަށުގައި މި މަސައްކަތްކުރާ ދެ މީހުން ތިބިއިރު، ވަރަށް ޑިމާންޑު ބޮޑު ކަމަށެވެ. އަދި އާބާދީ ކުޑަޔަސް މި ދާއިރާއިން ކުރިއަށް ދެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!