އަންނަ މަހު 24ގައި 19 އަތޮޅެއްގައި ހިތާނީ ކޭމްޕު ކުރިއަށްދިއުމަށް ހެލްތު މިނިސްޓްރީން ނިންމާފައިވާއިރު ރަސްމީކޮށް މި ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ހދ.ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިތާނީ ކޭމްޕާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީން ބުނެފައިވަނީ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ ނައީބް ފައިސަލް ނަސީމު ވަޑައިގަންނަވާނެ ކަމަށާއި ކުޅުދުއްފުށީގައި ރަސްމީކޮށް އެކޭމްޕު ފެށުމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހޮސްޕިޓަލުތަކުގައި އެއް ވަގުތެއްގައި ހިތާނީ ކޭމްޕު ފެށޭނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެއަތޮޅެއްގެ ސަގާފަތާ އެއްގޮތަށް އެކަންތައްތައް ކުރިއެއް ގެންދެވޭނެ ކަމަށާއި ހޮސްޕިޓަލުގައި މިކަންތައް ކުރިއަށް ގެންދިޔަ ނަމަވެސް އެކުއްޖެއްގެ ބެލެނިވެރިއެއް ބޭނުންވާގޮތަކަށް ހިތާނު ކުރުމަށްފަހު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް ކުއްޖެއް ތަފާތުކުރުމެއްނެތި ހަދިޔާ ލިބިގެންދާނެ ކަމަށާއި އަދި ހޮސްޕިޓަލްތަކުގެ ވޯޑުގައި ކުޑަކުދިންނަށް ގަޔާވާ ގޮތަށް ޒީނަތްތެރިކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!