ކ. ތިލަފުށި ވެގެންދާނީ މުސްތަގުބަލުގައި އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރަށް ކަމަށް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.
އިތުރަށް އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ ސިނާއީ ގިނަ މަސައްކަތްތައް ތިލަފުށީގައި މިހާރު ވެސް ކުރަމުން ގެންދާ ކަމަށާއި މިހާރުވެސް 4000 އެއްހާ މީހުން ތިލަފުށީގައި ދިރިއުޅެމުންދާއިރު، ކޮންމެ ދުވަހަކު 1900 އަށްވުރެ ގިނަ މީހުން ގޮސްއައިސްވާ ކަމަށާއި، އެމްޓީސީސީގެ ފެރީގެ ޚިދުމަތް ވެސް ލިބޭ ކަމަށެވެ.އެގޮތުން މުސްތަގުބަލުގައި އިގްތިސާދު ބޮޑު ހިއްސާދާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މަސައްކަތްތެރިން ނިދަން ދާ ރަށަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
އެހެންކަމުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ ތިލަފުށިން ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ދެވޭނެ މަގުތަނަވަސްކޮށް އެޚިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ތިލަފުށީގައި މަސައްކަތް ކުރާ މީހުންނާއި ދިރިއުޅޭ މީހުންނަށް ފައިސާ ނެގުމުގައި ދަތި ތަކެއް ދިމާވަމުން ދާތީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ އޭޓީއެމްއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށާއި މި މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ 10 ނިމުމުގެ ކުރިން ތިލަފުށީގަ އޭޓީއެމްއެއް ގާއިމް ކުރެވި ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ ގުޅީފަޅާއި، ތިލަފުށި ތަރައްގީ ކުރުމަށް ޕްލޭން އެކުލަވާލެވިފައިވާ ކަމަށާއި، ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރަށް މާސްޓަރ ޕްލޭން ހަދާފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!