މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެއަށް މިއަހަރު އެންމެފުރަތަމަ އައީ ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ ކޮލައި ސްޓްރޭޓިކަކް އެވެ. އޭނާ އަށް ވަނީ ހޫނު މަރުހަބާ އެއް ކިޔާފަ އެވެ.

Ad
rt

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި އެމްއޭސީލްއެލް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އަންނަނީ ހާއްސަ ހަރަކާތެއް ބާއްވަމުން ނެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ކަމަށްވާ މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓި (ވީއައިއޭ) ގައި ވަނީ ހާއްސަ ހަރަކާތެއް ބާއްވާފަ އެވެ.

ނިކޮލައި ވެސް އޭނާގެ އާއިލާއާއިއެކު ރާއްޖެއައީ އައު އަހަރުގެ ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އޭނާ އާއިލާއާއިއެކު ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަން ވެސް ހީނަރުވެފައި އޮތުމަށްފަހު، އަނެއްކާ ވެސް އަންނަނީ އާވެ، އާރޯވަމުނ ނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، އެމްއެމްޕީއާރުސީއާއި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އައުމުގެ ނަތީޖާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ދަމަހައްޓަމުން އަންނަ މަގާމަށް ބަދަލު ނައިސް، އެވޯޑުތައް ވެސް ލިބެމުން ދިއުމެވެ.

އެގޮތުން "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން"ގެ ޝަރަފުވެރި ވިދިވިދިގެން ތިންވަނަ ފަހަރަށް 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނުއިރު، މިދިޔައަހަރަށް ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ވެސް ވަނީ ހާސިލްކޮށްފަ އެވެ.

ސަރުކާރުން މިއަހަރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.