ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ ނިމިދިޔަ 2022 ވަނަ އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މީލާދީ ގޮތުން މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވެފައި ވަނީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށެވެ.

Ad
rt

އިންސާނީ ޙައްޤުތައް ކުރިއަރުވައި، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވި، ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވުނުކަން އެ މަނިކުފާނުގެ ޚިޠާބުގައި ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ އަންނަނީ ލިބެމުން ކަމަށް ވެސް ވިދާޅުވެފަވެއެވެ.

''ކޯވިޑް-19ގެ ދަތިތަކުން އަރައިގަނެ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު އަޅުގަނޑުމެން ކަމަރު ބަންނަންވީ، ކޯވިޑްގެ ކުރިން އޮތް އިޤްތިޞާދީ ޙާލަތަށް ވުރެ ވެސް މާ ރަނގަޅު ޙާލަތަކަށް ރާއްޖޭގެ އިޤްތިޞާދު ގެންދިއުމަށެވެ.'' ރައީސް ޞާލިޙްގެ ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު ދިވެހިން ކުރަންޖެހިފައިވާ ކަމެކެވެ. އަދި ޤައުމީ ތަރައްޤީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް، އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެއްކަމަށް ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި މި ފެށުނު އައު އަހަރުގެ ޢަޒުމެއްކަމުގައި ކޮންމެ މީހަކުމެ ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކޮށް ޞުލްޙައިގެ މަގު އިޚްތިޔާރު ކުރުމެވެ.