ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު ނަންގަވައި، އެ ހަތިމުގެ ފޮޓޯ އާންމު ކުރެއްވުމުން އިހަވަންދޫ ކައުންސިލުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ނަޝީދު އިއްޔެ ވަނީ ކެމްޕެއިން ދަތުރެއްގައި އިހަވަންދޫ އަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގެ ތެރެއިން ނަޝީދު ވަނީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއްކަމަށްވާ ހިރިގަލު މިސްކިތަށް ވަޑައިގެން އެ މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމެއް ބައްލަވައި އެ ހަތިމުގެ ފޮޓޯ މީސް މީޑިއާގައި އާންމު ކުރަށްވާފައެވެ.

Ad
rt

އެ ހަތިމުގެ ފޮޓޯ އާންމު ކުރައްވަމުން ނަޝީދު ވިދާޅުވެފައި ވަނީ، އެ ހަތިމަށް މިހާރު 250 އަށްވުރެ ގިނަ އަހަރު ވެދާނެކަމަށާއި، އެއީ އިހަވަންދޫ އިބްރާޙީމް ކަތީބުގެ އެންގުމަށް ލިޔެފައިވާ ހަތިމެއް ކަމަށެވެ. އަދި ހަތިމު ވަނީ ވަގުފް ކުރެވި، ވަގުފް ބަލަހައްޓާ އުސްމާން ކަލޯގެ ހަވާލުގައި ކަމަށް ވެސް ނަޝީދު ވިދާޅުވެފައެވެ.

އިހަވަންދޫގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމަށް 250 އަހަރު ވެދާނެ: ނަޝީދު

މި ހަތިމުގެ ވާހަކަ މީގެ ކުރިން މާބޮޑަށް އާންމުވެފައި ނުވާތީ މައުލޫމާތު ސާފު ކުރުމަށް އިހަވަންދޫ ކައުންސިލަށް ގުޅައިލުމުން ވިދާޅުވީ އެ ހަތިމުގެ ރައްކާތެރިކަމަށްޓަކައި އެ ހަތިމު އޮންނަކަމުގެ މައުލޫމާތު ސިއްރުކޮށްފައިވާ ކަމަށެވެ.

''މިފަދަ މުހިންމު ތަރިކައެއް އޮތްކަން އާންމު ގޮތެއްގައި ފާޅުކޮށްފިނަމަ އެ ބެލުމުގެ ޝައުގު ގިނަ ބަޔަކު ހުންނާނެ، ދެން އެ ހަތިމު ބަލަން ނަގަން ފަށައިފިނަމަ އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑު، އަނެއްކާ މި ޒަމާނުގެ ގޮތުން އެ ހަތިމު ގެއްލުމުގެ ބިރުވެސް އޮވޭ، އެހެންވެ އަޅުގަނޑުމެން އެ ހަތިމުގެ ވާހަކަ ވަނީ މިރަށާއި ހަމައިން ހިފަހައްޓާފައި، މީޑިއާއަށް ފޮޓޯލައި، އެކަން އާންމުކޮށް ނަހަދަނީ ހަތިމުގެ ރައްކާތެރިކަމަށްޓަކައި'' އިހަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.

އެކައުންސިލުން ވިދާޅުވީ އެ ހަތިމު ބަލަން ބޭނުން ފަރާތްތަކުން އެދިއްޖެ ނަމަ ހަތިމު ބެލުމުގެ އިންތިޒާމު ކައުންސިލްގެ ބެލުމުގެ ދަށުން ހަމަޖައްސާފައި އޮންނަ ކަމަށެވެ. އަދި ހަތިމު ބަލަން އެދިއްޖެނަމަ ހަތިމު ދައްކާނެ މީހުން އެ މިސްކިތުގެ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާފައި ތިބޭ ކަމަށެވެ.

''ނަމަވެސް އިއްޔެ ކަން ހިނގާ ދިޔައީ އެހެނެއްނޫން، ނަޝީދު އެ ހަތިމު ނަންގަވައި ބައްލަވައި ހެއްދެވުމަށް ކައުންސިލްގެ ހުއްދައެއް، އެކަން މިކޮޅަށް އަންގަވާފައެއް ނެތް، އަނެއްކާ ނަޝީދު ވަނީ ހަތިމުގެ ފޮޓޯތައް މީސް މީޑިއާއަށް ލައްވައި އާންމު ކުރައްވާފައި، މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތްކަމެއް'' އިހަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.

މި ހަތިމު ބާއްވާފައި އޮތް އިހަވަންދޫ އިހުގެ ހުކުރު މިސްކިތް ނުވަތަ އިހަވަންދޫ އާޘާރީ މިސްކިތަކީ، ހިރިގަލުން ބިނާކޮށްފައިވާ، 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މިސްކިތެކެވެ. މި މިސްކިތް މިހާރުވެސް ވަނީ، ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ. އެ މިސްކިތް ޔުނެސްކޯގެ ދާއިމީ ލިސްޓްގައި ހިމެނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.