ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަ ކޮށްފައިވާ ސިނާއީ ސަރަހައްދުން 10000 (ދިހަހާސް) އަކަފޫޓުގެ ބިމެއް 20 އަހަރަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ އެއް ބިން 20 އަހަރަށް އަދި ހަމަ އެ ސަރަހައްދުން 5000 (ފަސްހާސް) އަކަފޫޓުގެ 3 ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށެވެ.
ހަނިމާދޫ ލޭންޑް ޔޫސް ޕްލޭނުގައި ސިނާއީ ސަރަހައްދުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ އެ ރަށުގެ އިރުމަތީ ފަރާތުގައި ހަދައި މިހާރު ބޭނުން ކުރަމުން އަންނަ ކުނި ކޮށީގެ ދެކުނާއި ހުޅަނގު ސަރަހައްދެވެ.
ހަނިމާދޫއަކީ ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ތެރެއިން ބިމުގެ ޑިމާންޑް ބޮޑު ރަށެކެވެ. ހަނިމާދޫގެ ބިމުގެ ޑިމާންޑް ބޮޑުވެފައިވާ ސަބަބުތަކުގެ ތެރޭގައި، އެ ރަށަކީ އެންމެ ކުރީއްސުރެ އެއާޕޯޓް އޮންނަ ރަށަކަށް ވުމުން ދަތުރުފަތުރުގެ ފަސޭހަކަން އޮތުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުން ރާއްޖޭގެ އުތުރުގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ހަނިމާދޫ އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢާއި ގުޅިގެން ވެސް އެކި ގޮތްގޮތުން ހަނިމާދޫގެ ބިމުގެ ޑިމާންޑް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވެއެވެ.
އެއާޕޯޓް ބޮޑު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ އެއާޕޯޓް ތަރައްގީ ކުރަނީ އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް، 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އެކުގައެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ވެސް އިމާރާތް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!