މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އެ ކައުންސިލުން މިފަދައިން އެދިފައި މިވަނީ ކޮޅިގަނޑެއްގެ އަސަރުކޮށް، މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރު އެ ސިޓީއަށް ވެސް ކުރުމުގެ ފުރުސަތުއޮތަތީ، އެކަމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށެވެ. އަދި އެހާލަތަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުއްވުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

އެގޮތުން ގެއަށް ފެން ވަނުން ކޮންޓްރޯލު ކުރުމަށް ވެލި ބަސްތާ ތައްޔާރުކުރުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައި ކަމަށެވެ. އަދި މިކޮޅިގަނޑުގެ ބާރު ގަދަވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭގައި، ލޯ ޕްރެޝަރ އޭރިއާއެއްގެ ގޮތުގައި ކަމަށެވެ.

މި ކޮޅިގަނޑު ކުރިއަށް 24 ގަޑިއިރުގެ ތެރޭ ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ ސްކޫލްތަކުގެ ދެވަނަ ޓާމް ބަންދު ދުވަސްތައް ކަމުން ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުންދާއިރު، ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.