އޮފީސްތަކުން ހިންގާ ޓްރެއިނިން ޕްރޮގްރާމްތައް ހިންގޭނީ ރަޖިސްޓްރީވެގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އުސޫލު ބުނާގޮތުން، ސަރުކާރުގެ އިދާރާތަކަށް ހިންގޭނީ އެ މުއައްސަސާ އަށް ހާއްސަ ދާއިރާއިން އެތަނެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކެވެ. މީގެ އިތުރުން އާއްމުންނަށް ހާއްސަކޮށްގެން ހިންގޭ ކޯސް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އެގޮތަށް ވެސް ހިންގޭނީ އެ މުއައްސަސާ އަށް ހާއްސަ ދާއިރާގެ ކޯސްތައް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

Ad
rt

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ އެފަދަ އިންސްޓިޓިއުޓުތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ 10 ޕަސެންޓް މީހުންނަކީ ފުލްޓައިމް ލެކްޗަރާއިންނަށް ވާންޖެހޭނެ އެވެ. އަދި އެފަދަ މަރުކަޒެއް ރަޖިސްޓްރީކޮށްދޭނީ ހުށަހަޅާ ޕްރޮޕޯޒަލް ދިރާސާކޮށް ވަސީލަތްތަކާއި އިމާރާތުގެ ފެންވަރު ބެލުމަށްފަހުގައި ކަމަށް އެފަރާތުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 5،000ރ. ދައްކަންޖެހެ އެވެ.

އުސޫލުގައިވާގޮތުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދަ ދޭނީ އެ މުއައްސަސާގެ މެންޑޭޓުގައި، ސަރުކާރުގެ ނުވަތަ އަމިއްލަ މަރުކަޒުތަކުން ހިންގަން ދަތިވާ ފަދަ ވަކި ރޮނގުތަކަށް ތަމްރީނު ބޭނުންވާ އިދާރާތަކަށް އެކަންޏެވެ. އެ ކޯސްތައް ހިންގޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ހުށަހަޅައިގެން މުގައްރަރު ފާސްކުރުމަށްފަހުގަ އެވެ.

މީގެ އިތުރުން މޮބައިލްކޮށް ތައުލީމާއި ތަމްރީނުދޭ ތަންތަނުން އެއްފަހަރާ އެއްތަނެއްގައި ފަސް ދަރިވަރުންނަށް ވުރެ ގިނައިން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ނަމަ، ޕްރޮގްރާމް ހިންގަން ބޭނުންވާ ތަނުގެ މައުލޫމާތު މިނިސްޓްރީ އަށް ހުށަހަޅައި ހުއްދަ ހޯދަންޖެހޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިފަދަ އުސޫލެއް ހެދީ އެއް މިންގަނޑެއްގެ ދަށުން ހަމަހަމަކަމާއެކު މުއައްސަސާތަކަށް ތަމްރީނު ހިންގޭނެ މަގުފަހިކޮށްދިނުމާއި ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން ދައުލަތުން ތަމްރީނަށް ކުރާ ހޭދަ ކުޑަކުރުމަށެވެ.

ދައުލަތުގެ އިދާރާތަކުން މަތީ ތައުލީމާއި ތަމްރީނު ދިނުމާ ގުޅޭ އުސޫލެއް ހަދައި ރަޖިސްޓްރީވާން އިއްޔެ ވަނީ ހުޅުވާލައިފައެވެ.