މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ''އެމް.އޭ.ސީ.އެލް ސަރވިސް ރިކޮގްނިޝަން'' އެވޯޑު ދީފި އެވެ.

އެގޮތުން އެ ކުންފުންޏަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަފައިވާ 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ 68 މުވައްޒަފުންގެ އަގު ވަޒަންކޮށްފައި ވެއެވެ. އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ 16 މުވައްޒަފަކާއި 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަފައިވާ 15 މުވައްޒަފުންނާއި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ 5 މުވައްޒަފުންނަށް ވެސް އަގު ވަޒަން ކޮށް އެވޯޑު ވަނީ ދީފަ އެވެ.

Ad
rt

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މަހްޖޫބު ޝުޖާއު ވިދާޅުވީ، ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ޝައުގުވެރިވެ، ދާއިރާއަށް ނުކުންނަ ޒުވާނުން މަދު ނޫން ކަމަށެވެ. އަދި ހިދުމަތުން އިންސްޕަޔަރ ވާ ކިތަންމެ ދަރިންނެއް މި މުޖުތަމައުގައި ތިބޭނެ ކަމަށެވެ.

"މިއީ ހަމައެކަނި އެމް.އޭ.ސީ.އެލްއަށް ކޮށްދެއްވާ ޚިދުމަތެއް ނޫން. ގައުމުގެ ޒުވާން ޖީލު ރަނގަޅު މަގަށް ގެންދިޔުމަށް ވެދޭ އެހީތެރިކަމެއް." މަހްޖޫބު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކަކީ އެއަރޕޯޓަށާއި ހިދުމަތުގެ ރެކޯޑަށް ވެސް އުފާވެރި ދުވަސްތަކެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެއަރޕޯޓުގެ ޖާގަ އިތުރުވެ، ހިދުމަތްތައް ފުޅާވެގެންދާއިރު، އެ މަސައްކަތުގައި ތަޖުރިބާއާއި ވިސްނުން ވަރަށް މުހިއްމު ވާނެ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެއަރ ޓްރެވަލް ފަދަ ހަލަބޮލި އިންޑަސްޓްރީއެއްގައި ހިދުމަތް ކުރުމުގައި ވިހި ތިރީހަކަށް އަހަރު ހޭދަ ކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެމް.އޭ.ސީ.އެލްގެ ލެގަސީ އަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ކުންފުނިކަމުގައި ވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުވައްޒަފުން ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ އެއް ސިއްރަކީ މުވައްޒަފުންނާއި މެދު ބަހައްޓާ ފަރުވާތެރިކަމާއި ގާތްކަން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ވަޒީފާދޭ އެއް ކުންފުނި، އެމްއޭސީއެލް ގައި 3500 އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގެ އެކި ދާއިރާތަކުގައި އަންނަނީ މަސައްކަތް ކުރަމުން ނެވެ.