ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށިލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫގެވެ.

Ad
rt

އިނގުރައިދޫއަކީ ގާތްގަނޑަކަށް 2082 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ވަޑާމުގެ މަސައްކަތް ތަކުގައިވެސް މަސްއޫލުވެ އުޅޭ ބައެކެވެ.

އިނގުރައިދޫގެ ނެރުގައި މިހާރު ލާފާއޮތް ބޭރުތޮށީގެ ސަބަބުން ކަނޑުގަދަ ދުވަސްވަރު އުޅަނދުފަހަރު ވަންނަން މަސައްކަތް ކުރާ ވަގުތު ފަޅުތެރޭގައި ރާޅުބޮޑުވާ ގޮތްވެ އުނދަގޫތައް ދިމާވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެހެން ކަމުން މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މި މައްސަލަ ހައްލުވެގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 6744.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮށި ލުމާއި، 150 މީޓަރުގެ ސަރަހައްދެއްގައި މިހާރު ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ.

މިއީ 17.18 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް
ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.