ގައުމަކާއެކު ގުޅުން ބަދަހިކުރުމަކީ މަސައްކަތެއް ނިމުމުން އެ ޤައުމަކާ ގުޅުން ކަނޑާލުމެއް ނޫންކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ މޮނިއުމަންޓް އުސްފަސްގަނޑުގައި އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ޝާހިދު ވިދާޅުވީ ރާއްޖެއާ ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިކުރަމުން ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތަކީ ގައުމުތަކާއެކު އޮންނަ ގުޅުމަކީ އެ ގައުމަކާއެކު މަސައްކަތްކޮށް ނިމުނީމައި، އެއްލާލައި، މަގުތަކުގެ އަރިމަތީގައި އުކާލާފައި ހުންނައެއްޗެއްގެ ގޮތުގައި ބެހެއްޓުމުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މި ފުރަމާލޭގަ 1987 ވަނަ އަހަރު އެރި ބޮޑުރާލުގެ ސަބަބުން މި މާލެއަށް ލިބުނު ގެއްލުމުގެ ހަނދާން ހުރި އެތައްބަޔަކު މާލޭގަ އެބައުޅޭ. އަޅުގަނޑުމެންގެ ވަށައިގެން މިވާ ޓެޓްރަޕޮޑް ގެ ގަތާލެވިފައިވާ ފާރު މިތަނަށް އައިގޮތް ފެނުނު އެތައްބަޔަކު ދިވެހިރާއްޖޭގަ އެބަތިބި." ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ ޓެޓްރަޕޮޑް ބަހައްޓައި، އެއީ ކޮން އެއްޗެއްކަން ރަމްޒީގޮތުން ބަލައިގަންނަމުން ގެންދިޔަ ޒަމާން ހަނދާން ހުރި ބަޔަކު ވެސް ތިބިކަމަށާއި ނަމަވެސް އެ ގައު ނަގާ އެއްލާލައި، ރާއްޖެއާއި ޖަޕާނާއި ދެމެދު އޮތް ގުޅުމަކީ އެއްޗެއް ނޫން ކަމަށް ހަދަން ވެސް ބަޔަކު މަސައްކަތް ކުރި ކަމަށެވެ.

ރައީސް މިއަދުކުރައްވާ ކަމަކީ ރަމްޒީގޮތުން ބަހައްޓާފައިވާ ގައު، ރައްޔިތުންނަށް ފެންނާނޭހެން، ޖަޕާނާއި ރާއްޖެއާ ދޭތެރޭ އޮތް ގުޅުން އެއީ ކޮން އެއްޗެއްކަން ސާބިތުކޮށްދެއްވުން ކަމަށެވެ. ހުރިހައި ގައުމަކާ ވެސް ބައިނަލްއަގުވާމީ ގޮތުން ގުޅުން ބަދަހިކުރަމުން ގެންދަވާނެ ކަމަށާއި އެންމެންނާ ވެސް ގާތްކަން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހީ ދޭ ފަރާތްތަކަށް އިހްތިރާމް ކުރާނީ ވަކި ގައުމަކަށް ބެލުމެއް ނެތި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން އުސްފަސްގަނޑުގައި މި ބެހެއްޓި ޓެޓްރަޕޮޑް ވެގެންދާނީ ރާއްޖެއާއި ޖަޕާނާ ދެމެދު ގުޅިލައި މެހެމުން އައިސްފައިވާ ގުޅުން ރަމްޒުކޮށްދޭ ބިނާ އެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.