ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފުން ގުޅިފަޅުގައި ބޭނުން ކުރަމުން އައި އެކޮމަޑޭޝަން ބްލޮކުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް އެތަނުން ފެނިފައިވާ ކަމަށެވެ.
"ފެނިފައިވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހްލީލުތައް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން"
ފުލުހުންގެ މެސެޖްގައި ވިދާޅުވިއެވެ.
ބުރިޖުގެ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްގައި ރޯވީ ހުކުރު ވިލޭރޭގަ އެވެ.
އެ އިމާރާތުގައި އުޅުނު މީހުންގެ ތެރެއިން މީހަކު އެ ހާދިސާއަށްފަހު ނުފެންނަކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
މި ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި 76 މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި، ޓްރީޓޮޕް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހު ރޭ 12:31 ހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!