2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑްގެ "ކަލާސް އެވޯޑް 2018" މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހުރަވީ ސްކޫލުގައި ބާއްވާ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ.
މިއީ ކުޅިވަރުގެ ރޮނގުން ސްކޫލުތަކުގެ ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ޤައުމީ ފެންވަރުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ވެސްމެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއެވޯޑް ހަފްލާގައި ދަރިވަރުންނަށް ގާތްގަނޑަކަށް 200 އެއްހާ އެވޯޑް ހަވާލުކުރެވިގެންދާނެއެވެ.
މިއަހަރުގެ ކަލާސް އެވޯޑް ދޭނީ ހަތަރު އުމުރުފުރާއިން މައިގަނޑު 13 ކުޅިވަރަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އެވޯޑް ދޭން ކަނޑައަޅާފައިވާ އުމުރުފުރާ ތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.
އެވޯޑް ދޭން ހަމަޖެހިފައިވާ ކުޅިވަރުތަކަކީ ފުޓް ބޯޅަ، ވޮލީ، އެތްލެޓިކްސް، ސްވިމިންގ، ބާސްކެޓްބޯލް، ނެޓްބޯލް، ޓެނިސް، ޓޭބަލްޓެނިސް، ކުރިކެޓް، ބެޑްމިންޓަން، ކެރަމް، ޗެސް އަދި ހޭންޑްބޯލްކަމަށް ވާއިރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ތިން ކެޓަގަރީ އަކީ ސްކޫލް ފެންވަރު ކާމިޔާބީތަކާއި ގައުމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް އަދި ބައިނަލްއަގްވާމީ ފެންވަރުގެ ކާމިޔާބީ ތަކެވެ.
ސްކޫލް މުބާރާތުގެ ބައިގައި ދެ ކެޓެގަރީ އެއް ހިމެނޭއިރު އެއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކުގެ އިތުރުން ސްކޫލްތަކުގެ މެދުގައި ވަކި ރީޖަނަކަށް އަތޮޅަކަށް އަމާޒު ކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއޭޝަނަކުން އިންޓަ ސްކޫލް މުބާރާތަކަށް ވުރެ ދަށްކޮށް ރޭންކް ކުރާ މުބާރާތްތަކެވެ.
ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ގޮތުގައި ހިމެނޭ ދެ ބަޔަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރަތްތަކާއި އަދި ހުނަރުވެރިކަމުގެ ގޮތުން ވަކި ފަންތި އަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއޭޝަނަކުން ގައުމީ މުބާރާތުގެ ދެ ވަނަ ކެޓަގަރީގައި ރޭންކް ކުރާ މުބާރާތްތަކެވެ.
ބައިނަލްއަގްވާމީ މުބާރާތްތައް ބަހާލެވިފައި ވަނީ އޮލިމްޕިކްސް ގޭމްސް، ރީޖަނަލް ގޭމްސް، ސަބް ރީޖަނަލް ގޭމްސް އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އަދި ކޮންފެޑަރޭޝަން ގޭމްސްއެވެ.
މިއަހަރުގެ ހަފްލާގައި މިއެވޯޑް ގެ އެންމެ ޝަރަފްވެރި އެއް މަގާމް، ކަލާސް ވިނާސް އެވޯޑް އާއި ކަލާސް ރަނާސް އެވޯޑްވެސް ދެވޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!